ސިއްހަތު

ހުއްދަނެތި އިންފުލުއެންޒާ ވެކްސިން އެތެރެ ނުކުރުމަށް އަންގަވައިފި


ހުއްދަނެތި އެއްވެސް ފަރާތަކުން އިންފުލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެނުކުރުމަށް ހެލްތްމިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގައި މިދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން ރާއްޖެއަށް ދަތުރު ކުރާ ބައެއް ފަސިންޖަރުން އިންފުލުއެންޒާ ވެކްސިން ގެންނަކަން ފާހަގަކުރެވިފައިވާކަމަށް ހެލެތް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލެތް މިނިސްޓްރީން ވިދާޅުވީ އިންއިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ވަކި ފިނިހޫނުމިނެއްގައި ގެންގުޅެންޖެހޭ ވެކްސިނެއްކަމަށާއި އެނޫން ގޮތަކަށް އެ ވެކްސިން ގެންގުޅެވިއްޖެނަމަ އެ ހަލާކުވެ އެކަމުގެ ސަބަބުން ސިއްޙަތަށް ނެދެވޭ އަސަރެއްކޮށްފާނެކަމަށެވެ.

އިންފްލުއެންޒާ ވެކްސިން ގެނައުމުގައި އަމަލުކުރަންޖެހޭ މިންގަޑުގައި ވަނީ އެވެކްސިން ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް ވެކްސިން ޕެކް ނުވަތަ ކޮންޓެއިނަރގައި ހުންނަންޖެހޭނެކަމަށެވެ.

އިންފުލެއެންޒާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ގޮތްގޮތަކަށް އަދި އެކަމުގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން އެ ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.