ސިއްހަތު

މިހާތަނަށް 155 މީހަކު އެޗްވަން އެންވަންއަށް ޕޮޒިޓިވްވެފައިވޭ


މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ހެދި ޓެސްޓްތަކުން 155 މީހުން އެޗްވަން އެންވަންއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް 437 މީހުން އެޗްވަން އެންވަންއަށް ޓެސްޓްކޮށްފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 20 ވަނަ  ދުވަހު ރޯގާޖެހިގެން 1440 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

އެޗްޕީއޭއިން ނެރުއްވާފައިވާ، މިމަހުގެ 20 ވަނަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާޖެހިގެން އަތޮޅުތަކުން ޖުމްލަ 887 މީހުން ޑޮކްޓަރައް ދައްކާފައިވެއެވެ. އަދި މާލެއިން އެކަނި 553 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. މާލެ ސަރަޙައްދުން ރޯގާ ޖެހިގެން އެންމެ ގިނަޢަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. އެއީ 316 މީހުންނެވެ. އޭޑީކޭއަށް 167 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް 26 މީހުން، ވިލިމާލެ ހޮސްޕިޓަލަށް 18 މީހުން އަދި ސެނަހިޔާއަށް 26 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުވެގެން 32 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކަށް ބަލާއިރު، އަރިދަފުސް ރޯގާއާ ގުޅިގެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ލ.އަތޮޅުންނެވެ.

އެ އަތޮޅުން 95 މީހުން ފަރުވާ ހޯދާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ރ.އަތޮޅުން 92 މީހުން ޑޮކްޓަރަށް ދައްކާފާއިވެއެވެ. ދެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ހދ.އަތޮޅުންނެވެ. އެ އަތޮޅުން 76 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވެއެވެ.

އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުކުރެވިގެން މިހާތަނަށް 437 މީހަކު ޓެސްޓް ކޮށްފައިވާއިރު، މީގެތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 155 މީހުން ކަމަށް އެޗްޕީއޭއިން އެންމެ ފަހުން ޢާއްމު ކުރި ތަފާސްހިސާބު ތަކުން ދައްކައެވެ.

ހުމުގެ ރޯގާގެ ސަބަބުން އެޗްވަންއެންވަންއަށް ޕޮޒިޓިވްވި 3 މީހަކު މިހާތަނަށް މަރުވެފައިވެއެވެ.

މިވައިރަހަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.