ދުނިޔެ

ޤުރުއާނުގެ ޢިލްމު ހާމަކޮށްދޭ ބޮޑު ބަގީޗާއެއް ތަރައްޤީކުރަނީ


ކީރިތި ޤުރުއާނާއި ޤުރުއާނުގެ ޢިލްމު ހާމަކޮށްދޭ ބޮޑު ބަގީޗާއެއްފަދަ ސަރަޙައްދެއް ސަޢޫދީ ޢަރަބިޔާގެ މަދީނާގައި ތަރައްޤީކުރެއްވުމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ކަނޑައަޅުއްވައިފިއެވެ.

މަދީނާގައި ތަރައްޤީކުރައްވާ މިތަނަކީ، ކީރިތި ޤުރުއާނުގައިވާ ކަންކަމާއި ކީރިތި ޤުރުއާނުގެ ޢިލްމާގުޅޭ މަޢުލޫމާތު ބަޔާންވެގެންވާ ގޮތަށް ތަރައްޤީކުރާ ދުނިޔޭގެ ފެންވަރުގެ ޢިލްމީ އަދި ޘަޤާފީ ސަރަޙައްދެކެވެ. ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލް ސަޢޫދު ވަނީ ދުއިސައްތަ ހާސް އަކަމީޓަރު ނުވަތަ 34 ފުޓްބޯޅަ ދަނޑާ އެއްވަރުގެ ސަރަޙައްދެއް މިމަޝްރޫޢުއަށް ކަނޑައަޅުއްވާފައެވެ.

img:http://s4.psmnews.mv/images/660x400/14901926024213.jpg|ޤުރުއާނުގެ އިލްމު ދައްކުވައިދޭ ޤުރުއާން އޮއޭސިސް ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ފަރުމާއެއް / މިތަނަކީ 34 ފުޓްބޯޅަ ދަނޑާއި އެއްވަރުގެ ސަރަޙައްދެއް

ހަތަރު އަހަރަށްވުރެ ގިނަ ދުވަހުގެ ދިރާސާތަކަށްފަހު މިމަޝްރޫޢު ހިންގެވުމަށް ރަސްގެފާނު ނިންމެވުމުން، ސަޢޫދީގެ ޓޫރިޒަމާއި ޤައުމީ ތަރިކައާބެހޭ ކޮމިޝަނުގެ ރައީސް، ޕްރިންސް ސުލްޠާން ބިން ސަލްމާން ވަނީ ސަޢޫދީ ރަސްގެފާނަށް ޝުކުރު އަދާކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14901925511645.jpg|ޤުރުއާނުގެ އިލްމު ދައްކުވައިދޭ ޤުރުއާން އޮއޭސިސް ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ފަރުމާއެއް / މިތަނަކީ 34 ފުޓްބޯޅަ ދަނޑާއި އެއްވަރުގެ ސަރަޙައްދެއް

ޝާހީ ޤަރާރެއްގެ ދަށުން މި މަޝްރޫޢުގެ ދިރާސާގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2012 ވަނަ އަހަރުއެވެ. 

ކީރިތި ޤުރުއާނާއި ޤުރުއާނުގެ ޢިލްމު ހާމަކޮށްދޭ ބޮޑު ބަގީޗާއެއްފަދަ ސަރަޙައްދުގައި އިލްމީ މަސައްކަތްތަކުގެ އިތުރަށް އިޖްތިމާޢީ ޞުލްޙަވެރިކަމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ. އަދި ޤުރުއާނުގެ ޢާއްމުކޮށް ނުފެންނަ ކުރީގެ ގާތްގަނޑަކަށް 3000 އެއްހާ ކޮޕީ މިތަނުގައި ފެންނާނެ ގޮތަށް ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.