ކުޅިވަރު

އޮޒިލް އަދި ސަންޗޭޒްގެ ކޮންޓްރެކްޓްގެ ވާހަކަތައް ފަސްކޮށްފި


އޮޒިލްއާ ސަންޗޭޒްގެ ކޮންޓްރެކްޓްގެ ވާހަކަ ދެއްކުން މި ސީޒަންގެ ނިޔަލަށް މަޑުޖައްސާލާފައިވާކަމަށް އާރސެނަލްގެ ކޯޗް އާރސެން ވެންގަރ ބުނެފިއެވެ.

އުމުރުން 28 އަހަރުގެ މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރަން އާރސެނަލްއިން މަސައްކަތް ކުރަމުންދާއިރު އަދިވެސް ދެ ކުޅުންތެރިން އާ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެކަމާ ބެހޭގޮތުން ވެންގަރއާއި އެތައްފަހަރު ނޫސްވެރިން ސުވާލުކުރުމުންވެސް އެކަށީގެންވާ ޖަވާބެއް ނުދޭއިރު އެންމެ ފަހުން ވެންގަރ މި ވަނީ އެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓްގެ ވާހަކަ ދެއްކެންވެސް އޮތީ މި ސީޒަން ނިމުމުން ކަމަށް ބުނެފައެވެ. 

އާރސެނަލްއިން ވަނީ ވަރަށް ފަހުން އޮޒިލްއަށް ހަފްތާއަކު ދެލައްކަ އަށްޑިހަ ހާސް ޕައުންޑްގެ މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ހުށައަޅާފައެވެ. އެހެންނަމަވެސް އޮޒިލް އެ ކޮންޓްރެކްޓަށް އާބަސް ބުނެފައެއް ނުވެއެވެ. 

މި ދެ ކުޅުންތެރިންވެސް ކޮންޓްރެކްޓް ހަމަވުމުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމަށް އަޑުފެތުރިފައި ވާއިރު މި ފަހަކަށް އައިސް އާރސެނަލްއިން ދައްކަމުންދާ ދަށް ނަތީޖާތަކާ ގުޅިގެން އެ ޓީމުގެ ކޯޗް ވެންގަރވެސް ވަނީ ޕްރެޝަރަށް ވެއްޓި އާރސެނަލްގެ ކޯޗްކަމުން ވަކިވެދާނެކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. 

ޓީމުގެ ނަތީޖާތަކާ ސަޕޯޓަރުންގެ ޕްރެޝަރާ ގުޅިގެން ވެންގަރ އެންމެ ފަހުން ލީގުގައި ކުޅުނު މެޗަށްފަހު ބުނެފައިވަނީ އޭނާ ގޮތެއް ނިންމާފައިވާކަމަށާ ނިންމި ގޮތެއް ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ.