ދުނިޔެ

މައްކާއާއި މަދީނާއާ ދެމެދު ރޭލު ދަތުރުތައް ފަށަނީ


ސަޢޫދީ ޢަރަބިޔާގެ މައްކާއާއި މަދީނާއާ ދެމެދު ފެށުމަށް ތައްޔާރުވަމުންދާ ރޭލު ދަތުރުތައް އަންނަ އަހަރު ފަށަން ސަޢޫދީ ސަރުކާރުން ނިންމައިފިއެވެ.

ސަޢޫދީ ގެޒެޓުގައިވާ ގޮތުން ޙަރަމައިން އެކްސްޕްރެސްގެ ޚިދުމަތް ނުވަތަ މައްކާއާއި މަދީނާއާ ދެމެދުގެ ރޭލު ދަތުރުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނޭއެވެ. މި މަޝްރޫޢުގެ ދަށުން މައްކާއާއި މަދީނާ ދެމެދު 450 ކިލޯމީޓަރުގެ ރޭލު ދަނޑު އަޅަން ހަމަޖެހިފައިވާއިރު މީގެތެރެއިން 430 ކިލޯމީޓަރުގެ މަސައްކަތް ނިމި، ބާކީ އޮތީ 20 ކިލޯމީޓަރުގެ ރޭލު ދަގަނޑު އެޅުމުގެ މަސައްކަތެވެ.

img:http://s2.psmnews.mv/images/660x400/14902769960772.jpg|މައްކާއާއި މަދީނާއާ ދެމެދު ރެއިލް ދަތުރުތަކަށް ބޭނުންކުރާ ޓަރމިނަލްގެ ކުރެހުމެއް / އަންނަ އަހަރު ރެއިލް ދަތުރުތައް ފެށުމަަށް ވަނީ ހަމަޖެހިފައި

މައްކާއާއި މަދީނާއާ ދެމެދު ކުރާ ރޭލު ދަތުރުގައި، ޖިއްދާއާއި މައްކާގައި ތަރައްޤީކުރާ ކިންގް ޢަބްދުﷲ އިކޮނޮމިކް ސިޓީއާވެސް ގުޅުވާލެވޭނެއެވެ.

ރޭލު ދަތުރުތަކާއެކު މައްކާއާއި މަދީނާއާ ދެމެދު ބަހުގައި ކުރާ 6 ގަޑިއިރުގެ ދަތުރު 2 ގަޑިއިރާއި 30 މިނެޓަށް ކުރުވެގެންދާނެއެވެ. އަދި މައްކާއާއި ޖިއްދާއާ ދެމެދު ހޭދަކުރަންޖެހެނީ 30 މިނެޓްގެ ދަތުރެކެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެކަމަށް ސަޢޫދީ ސަރުކާރުން ބުނެއެވެ.