ދުބާއީއަކީ އެޤައުމުން ކުރާ ކޮންމެކަމެއްވެސް އެހެން ޤައުމުތަކަށްވުރެ ފުރިހަމައަށް، ތަފާތުކޮށް ކުރުމުގައި ދުނިޔޭގައި ފާހަގަވެފައިވާ ސިޓީއެއް. ދުބާއީން ކުރާ ކަންކަމުގައި ރެކޯޑްތައް ޤާއިމްކޮށް، މުުގުރުމަކީ ޢާއްމުކަމެކެވެ. އެގޮތުން ދުނިޔޭގެ އެންމެ އުސް ޢިމާރާތް، ބުރުޖް ޚަލީފާ، އެންމެ ބޮޑު ޝޮޕިންގް މޯލްކަމަށްވާ ދުބާއީ މޯލްއާއި، ދުނިޔޭގެ އެންމެ އުސް ފަސްތަރީގެ ހޮޓަލުގެ ރެކޯޑްވެސް ޤާއިމްކޮށްފައިވަނީ ހަމަ ދުބާއީންނެވެ.
ދުބާއީން ޤާއިމްކުރަމުންދިޔަ ރެކޯޑްތަކަށް މިފަހަރު އިތުރުވެގެން ދިޔައީ، ދުނިޔޭގެ އެންމެ ބާރަށް ދުވާ ޕޮލިސް ކާރުގެ ރެކޯޑެވެ. ދުނިޔޭގެ އެންމެ ބާރަށް ދުވާ ޕޮލިސް ކާރުގެ ރެކޯޑް މިހާތަނަށް ދަމަހައްޓަމުން އައީ، އެމެރިކާ ފުލުހުން ބޭނުންކުރާ ލަމްބޯގިނީ ސްޕޯޓްސް ކާރެކެވެ. ގަޑިއިރަކު 360 ކިލޯމީޓަރުގެ ސްޕީޑެއް ލިބިފައިވާ އެކާރުގެ ރެކޯޑް މުގުރާލާފައިވަނީ ދުބާއީ ފުލުހުން ބޭނުންކުރުމަށް އެޤައުމުގެ ޕޮލިސް ފްލީޓަށް ގެނައި ބުގަޓީ ވެރޯން ބްރޭންޑްގެ ކާރެކެވެ. މިކާރަކީ ގަޑިއިރަކު 407 ކިލޯމީޓަރު ބާރުމިނުގެ ސްޕީޑެއް ހުންނަ ކާރެކެވެ.
img:http://s3.psmnews.mv/images/660x400/14903616749309.jpg|ދުބާއީ ޕޮލިހުން ބޭނުންކުރާ ބުގަޓީ ވެރޯން / މިއީ ދުނިޔޭގައިވެސް އެންމެ ބާރަށް ދުވާ އެއް ކާރު
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން މިހާރު ވަނީ، ދުނިޔޭގެ އެންމެ ބާރަށް ދުވާ ޕޮލިސް ކާރުގެ ރެކޯޑުގެ ލިޔުން މިދިޔަ ހަފްތާގައި ދުބާއީ ޕޮލިހުންގެ ވެރިޔާ، މޭޖަރ ޖެނަރަލް އަބްދުﷲ ޚަލީފާ އަލް މެރީއާ ޙަވާލުކޮށްފައެވެ.
img:http://s4.psmnews.mv/images/660x400/14903611788048.jpg|ގިނިސް ރެކޯޑުގެ ސެޓްފިކެޓާއެކު ދުބާއީ ޕޮލިހުން / ކުރިން މި ރެކޯޑް އޮތީ އެމެރިކާ ފުލުހުންގެ އަތުގައި
ދުނިޔޭގެ އެންމެ ބާރަށް ދުވާ ޕޮލިސް ކާރުގެ ރެކޯޑް މުގުރާލި ބުގަޓީ ވެރޯންއަކީ، ދުބާއީ ފުލުހުން ބޭނުންކުރަމުންދާ އަގުބޮޑު، ރީތި، ބާރަށް ދުވާ ކާރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާރެވެ. ތާޖެއްނަމަ މިއީ އޭގެ މައި ޖަވާހިރެވެ. 16 ސިލިންޑަރުގެ، 1200 ހޯސްޕަވަރުގެ އިންޖީނެއް ހުންނަ މިކާރަކީ، ދެތިން ސިކުންތުގެ ތެރޭގައި 100 ކިލޯމީޓަރުގެ ބާރުމިނަކަށް ސްޕީޑް ނެގުމުގެ ޤާބިލްކަން ލިބިފައިވާ ކާރެކެވެ.
img:http://s3.psmnews.mv/images/660x400/14903610415743.jpg|ދުބާއީ ޕޮލިހުން ބޭނުންކުރާ އަގުބޮޑެތި ކާރުތައް މަގުމަތީގައި / ފަތުރުވެރިންގެ ސަމާލުކަން މިކާރުތަކަށް ވަރަށް ބޮޑަށް ލިބޭ
ބުގަޓީ ވެރޯންގެ އިތުރުންވެސް ދުބާއީ ފުލުހުން ބޭނުންކުރަމުންދާ ކާރުތަކުގެ ތެރޭގައި، އެސްޓަން މާޓިން، އައުޑީ އާރު، ބެންޓްލޭ، ފެރާރީ، ލަމްބޯގިނީ، މާސެޑީސް، މެކްލެރަން ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު، އަދި އެންމެ އަގުބޮޑު ބްރޭންޑްތައް ހިމެނެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކާރުތައް ދުބާއީ ޕޮލިސް ފްލީޓްގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 2013 ވަނަ އަހަރު، ލަމްބޯގިނީ އެވެޓެންޑަރއަކާއެކުއެވެ. އެއާއެކު ދުބާއީގެ ފުލުހުންގެ މަސައްކަތް ޕްރޮމޯޓްކުރުމަށް ކުރި މަސައްކަތަށް ފައިދާތަކެއްވިއެވެ. އަދި ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުގެ ކާރުތައް ދުބާއީ ފަދަ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ސިޓީއެއްގެ ފުލުހުން ބޭނުންކުރުމަށް ހުށަހެޅުންތައް އަންނަފެށިއެވެ.
img:http://s3.psmnews.mv/images/660x400/14903608425198.jpg|ދުބާއީ ޕޮލިހުން ބޭނުންކުރާ ރީތި ކާރެއްގެ ކައިރީ ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ
ދުބާއީ ފަދަ މުއްސަނދި ސިޓީއަކުން އަގުބޮޑު ކާރުތަކެއް ޕޮލިސް ފްލީޓަށް އިތުރުކުރީ، ބޮޑާކަންދައްކާ، ދެއްކުންތެރިކަމުގެ ސިފައެއްގެ ގޮތުގައެއް ނޫނެވެ. ވަރަށް މުހިއްމު ސަބަބަކަށްޓަކައެވެ. ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށެވެ. ދުބާއީ ފުލުހުންގެ ވެރިޔާ ވިދާޅުވީ، ކާރުތަކުގެ ސަބަބުން ދުބާއީ ފުލުހުންގެ ރަހުމަތްތެރިކަމާއި އޯގާތެރިކަން ފަތުރުވެރިންނަށް ހާމަވެގެންދާއިރު، ރައްޔިތުންނާއެކު ބޮޑު ގުޅުމެއް އުފެދިގެންދާނެކަމަށެވެ.
img:http://s1.psmnews.mv/images/660x400/14903609869361.jpg|ދުބާއީ ޕޮލިހުން ބޭނުންކުރާ ރީތި ކާރަކާއެކު ޕޮލިހުންތަކެއް
އަގުބޮޑެތި ކާރުތަކާއެކު އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަންވެސް ދުބާއީން ދަނީ ދައްކުވައިދެމުންނެވެ. އެގޮތުން ފުލުހުން ދުއްވާ އަގުބޮޑެތި ކާރުތައް ދުއްވުމުގައި އަންހެން ފުލުހުންވެސް ހަރަކާތްތެރިވެއެވެ. އަދި އޭގެ ތެރެއިންވެސް އެންމެ އަގުބޮޑު ފެރާރީފަދަ ކާރުތައް ދުއްވަނީ އަންހެނުންނެވެ.
img:http://s4.psmnews.mv/images/660x400/14903609441679.jpg|ދުބާއީ ޕޮލިހުން ތަކެއް ފެރާރީ ކާރަކާއެކު / ދުބާއީގެ އަންހެން ޕޮލިހުންވެސް މިކާރުތައް ބޭނުންކުރޭ
އަގުބޮޑު، ރީތި، ބާރު ސްޕީޑްގެ ކާރުތަކަށްފަހު، ދުބާއީން ދަނީ އެހެން އަމާޒަކަށް ވާސިލްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް އެޤައުމުގެ ސަރުކާރުން ބޭނުންކުރާ 25 އިންސައްތަ ކާރަކީ ތިމާވެށްޓާއި ރަހުމަތްތެރި، ކަރަންޓް ނުވަތަ ހައިބްރިޑް ކާރުތަކަކަށް ހެދުމަކީ ދުބާއީގެ އަމާޒެކެވެ. މިގޮތުން މިހާރުވެސް ފުލުހުންގެ މަސައްކަތަށް ބީ.އެމް.ޑަބްލިޔު އަދި ޕޯޝް ބްރޭންޑުގެ ހައިބްރިޑް ކާރުތަކެއް ވަނީ އިތުރުކޮށްފައެެވެ. މިއީ ތިމާވެށްޓަށް އެޤައުމުން ދޭ ސަމާލުކަން ހާމަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކެއްކަމަށް ދުބާއީ ސަރުކާރުން ބުނެއެވެ.