ސިއްހަތު

މިއަދަކީ ދުނިޔޭގެ ޓީބީ ދުވަސް


މިއަދަކީ ދުނިޔޭގެ ޓީބީ ދުވަހެވެ. ޓިއުބަރ ކިއުލޯސިސް، ޓީބީ ނުވަތަ ކެއްސުން ބައްޔަކީ ގައިންގަޔަށްއަރާ ބައްޔެކެވެ. އެހެންނަމަވެސް ފަރުވާ ކުރެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.

މި ބަލި ޖެހެނީ މައިކޮބެކްޓީރިއަމް ޓިއުބަކިއުލޯސިސް (Mycobacterium tuberculosis) ކިޔާ ޖަރާސީމަކުންނެވެ. މި ޖަރާސީމް އަށަގަންނަނީ ހަށިގަނޑުގައި ފުއްޕާމޭފަދަ ލެޔާއި އޮކްސިޖަންއިން މުއްސަދިވެފައިވާ ހިސާބުތަކުގައި ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މައިގަނޑުގޮތެއްގައި މިބައްޔަކީ ވައިގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ކަމުން ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ފެތުރެން މެދުވެރިވަނީ ކެއްސައި ކިނބިހިއަޅައި ކުޅުޖެހުން ނުވަތަ ހުނުން ފަދަ ކަމެއް ކުރުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމްތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ.

އާންމުގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމުގައިވީނަމަވެސް ކުޑަކަމުދާ ނިޒާމްގެ ބައިތަކާއި ގޮހޮރާއި ހުޅުތަކާއި މައިބަނދައާއި ސިކުނޑީގެ އިތުރުން ކަށިތަކަށްވެސް ޓީބީ ޖެހޭކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މި ދެންނެވި ބައިތަކަށް ޖެހޭ ޓީބީ، ގައިންގަޔަށް އެރުމުގެ ފުރުޞަތު ކުޑަކަމަށްވެސް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ގައިންގަޔަށް މިބަލި ވާސިލްވުމުގެ ފުރުޞަތު ބޮޑީ ފުއްޕާމެޔަށް ޖެހޭ ޓީބީއެވެ.

ޓީބީ ބަލި ޖެހުމުން ފެންނާނެ ޢަލާމާތްތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ކެއްސައި އަރިދަފުސް އައުމާއި، ބަރުދަން ލުއިވުމާއި، ކާހިތް ނުވުމާއި ވަރުބަލިކަމާއި ކަންނެތްކަން އިހްސާސްވުމާއި ހާވީރަށް ހުންވައްތަރުވުމާއި އަދި ރޭގަނޑަށް ހޫނުވެ ދާހިއްލުން ފަދަ އަލާމާތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން މޭގައި ރިއްސުމާއި ކެއްސާއިރު ލޭއައުން ފަދަ އަލާމާތްތައް ހިމެނެއެވެ. ޓީބީ ބައްޔަކީ ފަސޭހަ ކުރެވިދާނެ ބައްޔެކެވެ. އެހެންކަމުން މިބަލިން ސަލާމަތްވުމަށްޓަކައި ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭސް ބޭނުން ކުރަން ޖެހެއެވެ. އަދި ބޭސް ބޭނުން ކުރަމުންދާ ދުވަސްވަރު ހަށިގަނޑަށް ފައިދާހުރި ކާނާ ކާންޖެހެއެވެ. މީގެއިތުރުން ހަރަކާތްތެރިވެ، ހެލިފެލިވުމާއި އަރާމު ކުރުމަކީ މިބަލި ޖެހިފައިވާމީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެވެ.

ޓީބީ ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާއިރު، ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމާއި ޓީބީ ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުން ހިމެނެއެވެ. ބަލި ޖެހިފައިވާ މީހަކާ އެއް ގޭބިސީއެއްގައި އުޅޭނަމަ ދެތެރެ ދޭތެރެއިން ޓީބީއަށް ޓެސްޓް ކުރުމަކީ މުހިންމު ކަމެކެވެ.

ސަރުކާރުން ދަނީ ދިވެހިރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަށްޓަކައި މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި، ޓީބީއާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ، ސްޓޮޕް ޓީބީ ޕާރޓްނަރޝިޕާއި، ގްލޯބަލް ފަންޑުގެ ބޭފުޅުންނާއި ޑަބްލިޔުއެޗްއޯގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ޓީބީ ނައްތާލުމާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ޓީބީ ޕްރޮގްރާމް ރިވިއުކުރުމާއި، ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ޓީބީ ފެތުރޭ މިންވަރު ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.