ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ސިޔާސީ އިދިކޮޅު ފިކުރުތަކުގެ މީހުން އެއްބައިވެގެން އުޅެނީ ސަރުކާރުގައި މައްސަލަތަކެއް ހުރެގެންނޫންކަމަށާ، ހަމައެކަނި މި ވެރިކަމުގެ މައްޗަށް އޮތް ޙަސަދައިގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގޯހުން ކަމެއް ކުރައްވާނަމަ، އެކަން ހާމަކުރުމުން އެކަންކަން ރަގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި މިހާތަނަށްވެސް ސަރުކާރުން ކަންކަން ކުރައްވާފައިވާނީ އެ ގޮތަށްކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން އިދިކޮޅު ފަރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެވޯޓް ބިނާވެފައިވާ ހަމައެކަނި އަސާސާކީ މިވެރިކަމުގެ މައްޗަށް އޮތް ހަސަދަވެރިކަންކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނަށް ކަމުނުދާކަމެއް އޮތްނަމަ އެކަމެއް ދޫކޮށްލައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖެ، ތަރައްޤީކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް ފަރާތަކުން އުނދަގޫ ކުރިމަތިނުކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ފަރާތަކުން ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރައްވާނަމަ ސަރުކާރުން ހައްދަވާ ގޯސްތައް ބުނެދީ މަގު ދައްކައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. އެފަދަ ޚިޔާލުތައް އަޑުއެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުންނާނެކަމަށާއި މިހާތަނަށްވެސް އެފަދަ ކަންކަން ރަގަޅުކޮށްފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތައް އެކުގައި މަސައްކަތް ކުރަމުންދަނީ ހަމައެކަނި މި ސަރުކާރު ވައްޓާލުމުގެ ބޭނުމުގައިކަމަށެވެ. މި ސަރުކާރުގެ ތެރޭގައި ކޮރެޕްޝަންނާއި އެހެންވެސް މައްސަލަތައް ހުރިކަމަށް ބުނެ ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅުންގެ ޒީނަތްތެރިކަމާއި އަމާނާތްތަރިކަމާމެދު ސުވާލު އެފެދޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާއިގެ ބަހުސް ދެ ގަޑިއިރަށް ކުރިޔަށް ގެންދެވުމަށް މަޖިލީހުގެ ޢާއްމު ކޮމެޓީން ވަނީ ނިންމަވާފައެވެ. އަދި މަޖިލިސް ރައީސްއާ ދެކޮޅަށް ހުށަހަޅުއްވާފައިވާ މައްސަލާއިގެ ދިފާޢުގައި ޖަވާބުދާރީވުމަށް ތިރީސް މިނެޓް މަސީހަށް އެރުވުމަށްވެސް އެ ކޮމެޓީން ވަނީ ނިންމަވާފައެވެ. އަންނަ ހޯމަ ދުވަހު އޮންނަ މި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްއެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުﷲ މަސީހަކީ މިވަގުތު މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ.