ޚަބަރު

މާލޭގައި ބެހެއްޓި އާރު.އޯ ޕްލާންޓުން ފެން ދޫކުރަން ފަށަނީ


އެމް.ޑަބްލިއު.އެސް.ސީގެ އައު އާރު.އޯ ޕްލާންޓް ބިލްޑިންގ މިހާރު ނިމިފައިވާކަމަށާ، ޑީސެންޓްރަލައިޒް ޕްލޭންގެ ދަށުން ވަރަށް އަވަހަށް އެތަނުން ފެން ފޯރުކޮށްދޭނެކަމަށް، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި އެކުންފުންޏަށް ގެނެސްފައިވާ ކުރިއެރުންތަކަކީ، ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމުގެ ދަށުން ކުރައްވާފައިވާ މަސައްކަތްތަކެއްކަމަށެވެ.

އެމް.ޑަބްލިއު.އެސް.ސީން ދަނީ ރައްޔިތުންނަށްދޭ ޚިދުމަތް ފުޅާ ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން މާލެއަށް ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމަށް، އިތުރު އާރޯ ޕްލާންޓްތައް ބެހެއްޓުމަށްވެސް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ އައު ޕްލާންޓްތަކެއް ޤާއިމް ކުރުމަށް އެކުންފުނިން ކުރާ މަސައްކަތްތަކުގެ ދަށުން މިއަހަރު ތެރޭގައި އާރު އޯ ޕްލާންޓް ބިލްޑިންގ ޓެސްޓްކޮށް މިހާރުވަނީ ނިމިފައެވެ.

އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ޑީސެންޓްރަލައިޒޭޝަން ޕްލޭންގެ ދަށުން ވަރަށް އަވަހަށް އެ ބިލްޑިންގ މެދުވެރިކޮށް ފެން ފޯރުކޮށް ދެވޭނެކަމަށެވެ. އަދި އިތުރު އާރު.އޯ ޕްލާންޓް ބިލްޑިންގއެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށްވެސް އެކުންފުނިންގ ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާއެކު އެކަމުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތްތައްކޮށް މިހާރު ނިމިފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ފަޒުލް ވިދާޅުވީ، ސްޓެލްކޯއާއި ގުޅިގެން މިހާރު ވަނީ އެމްޑަބްލިއުއެސްސީއަށް ކަރަންޓް ދެވޭނެ ދެ، ބެކަޕެއްވެސް ޤާއިމުކޮށްފައިކަމަށެވެ. އަދި ކުރިޔަށް އޮތްތާނގައި ހުޅުމާލެއަށް ނުވަތަ މާލެއަށް ހާދިސާއެއް ދިމާވެއްޖެނަމަ، އަލުން ފެން ގުޅާލެވޭ ވަރުގެ ބެކަޕް ސިސްޓަމެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

ދިމާވެދާނެ ހާދިސާތުން އަރައިގަތުމަށާއި، ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެގޮތުން ޚާއްސަ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމް ކުރާ މެގަ ސްޓޯރޭޖް ފެސިލިޓީއަކީ ކުރިޔަށް އޮތްތާނގައި މިފަދަ ހާދިސާތަކުން އަރައިގަނެވޭނެ މުހިންމު ފެސިލިޓީއެއްކަށް ވާނެކަމަށް އެމްޑަބްލިއު އެސްސީން ބުނެއެވެ.