ސިޔާސީ

"މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު މަޖިލީހުގެ ރައީސަށް އެބައޮތް"


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙް ވަކިކުރުމުގެ ވޯޓްގައި އެކަމާ ދެކޮޅަަށް ވޯޓްދޭނެކަމުގެ ޔަޤީންކަން މަޖިލީހުގެ ޕީޕީއެމް، އެމްޑީއޭ ކޯލިޝަންގެ 42 މެންބަރަކު ދީފިއެވެ.

މަޖިލީހުގެ މެންބަރުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތާޢީދު އޮތްކަން ހާމަކުރުމަށް ޕީޕީއެމްއާއި އެމްޑީއޭގެ ޕީޖީ މެންބަރުން ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީޕީއެމްއާއި އެމްޑީއޭގެ ޕީޖީ ގްރޫޕްގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ ނަގަން އުޅެނީ ސިޔާސީ ވޯޓެއް ކަމަށާއި މަޖިލީހުގެ ރައީސަށް، މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އެބައޮތްކަމަށެވެ.

ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެންބަރ ނިހާން ވިދާޅުވީ، ޕީޕީއެމްއާއި އެމްޑީއޭގެ ޕީޖީ ގްރޫޕުގެ މެންބަރުން ތިބީ ސާބިތުކަމާއެކުގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސާ ދެކޮޅަށް ނަގަން އުޅޭ ވޯޓް ކާމިޔާބު ނުކުރެވޭނެކަމަށެވެ. 

މި ޕްރެސްކޮންފަރެންސްގައި ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތަކީ ބޭކާރު ކަމެއް ކަމަށާއި އެކަން ކާމިޔާބު ނުކުރެވޭނެކަމަށެވެ.

މަޖިލީހުގެ ރައީސަށް ތާޢީދުކުރާކަން ހާމަކުރަމުން އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރ އަޙުމަދު ސިޔާމް މުޙައްމަދު ވިދާޅުވީ، މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން އަބްދުﷲ މަސީހު މަޖިލީހުގެ ރައީސްކަމުގައި ހުންނަވާނެކަމަށެވެ. މި ޕްރެސްކޮންފަރެންސްގައި ޕީޕީއެމްއާއި އެމްޑީއޭގެ ޕީޖީ ގްރޫޕްގެ ވަކިވަކި މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެ މެންބަރުންގެ ފުރިހަމަ ތާޢީދު އޮތްކަމަށް ވިދާޅުވެފައެވެ.