އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި މެނޭޖް ކުރުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން - ވެމްކޯއާ ޙަވާލުކޮށްފިއެވެ. އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ވެމްކޯއިން ޙަވާލުވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެންނެވެ.
އައްޑޫސިޓީގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ހަރުދަނާ ނިޒާމެއްގެ ތެރެއިން މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި މި ވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރެޝަން ވެމްކޯއާއި ޙަވާލުކޮށްފައެވެ. މި މަސައްކަތް ވެމްކޯއާއި ޙަވާލުކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ހުޅުމީދޫގައި އަލަށް ހަދާފައިވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރ މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ މުހިންމު އިކުއިޕްމެންޓްތައް ސަރުކާރުން ފޯރުކޮށްދެއްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައްޑޫސިޓީގެ ކުނިމެނޭޖް ކުރުމުގެ ކަންތައްތަކަށް ވެމްކޯއިން ވަމުންގެންދާ ތައްޔާރީތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް ވެމްކޯގެ މަރުކަޒެއް މިހާރު ޤާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14905251278250.jpg|އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުން ވެމްކޯއާ ޙަވާލުކުރެއްވުން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
އައްޑޫ ސިޓީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ޤާއިމް ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިނިންގެ މަސައްކަތް ނިމޭނެ ކަމަށާ، އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވީ މާލޭ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންތައްތަކުގައި އެކުންފުނިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، އެކަމުގެ ތަޖުރިބާއަށް ބަލައި އައްޑޫ ސިޓީގެ ކުނިމެނޭޖް ކުރުމުގެ ކަންތައް ހަރުދަނާގޮތެއްގައި ކުރިޔަށް ގެންދަވާނެ ކަމަށެވެ.
އައްޑޫސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރާއި ހުޅުދޫ ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގެންފައިވެއެވެ. އެދެބޭފުޅުންވެސް ވަނީ ސަރުކާރުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި އައްޑޫ ސިޓީގެ ކުނި ނައްތާލުމަށް ވެމްކޯއާ ޙަވާލުކުރެވި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރައްވާތީ އުފާކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ވެމްކޯއިން ޙަވާލުވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ވެމްކޯގެ ކުނި މެނޭޖްކުރާ ސެންޓަރު މެދުވެރިކޮށް އައްޑޫ ސިޓީގެ ހުރިހާ ރަށްތަކުގެ ގެތަކުންނާއި ވިޔަފާރިކުރާ ތަންތަނުގައި އުފެދޭ ކުނި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ނަގައި މެނޭޖްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވެމްކޯއާއި އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުން ޙަވާލުކުރުމުގެ ރަސްމިޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޡާރިޤް އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދުއެވެ.