ޚަބަރު

ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވިއިރު އެމަނިކުފާނު ހައްޔަރުކުރެއްވި މައްސަލާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އެމަސައްލަ ފޮނުއްވައިފިއެވެ.

މުލަކު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގައި ޢަބްދުﷲ ޔާމީން ހުންނަވަނިކޮށް 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ މެންދަމު ސިފައިން މެދުވެރިކޮށް ހައްޔަރުކުރައްވާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކޮށް އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އާރަށުގައި ނުވަދުވަސް ވަންދެން ބަހައްޓަވާފައިވެއެވެ. އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިޢުނާފުކުރެއްވުމުން އެމަނިކުފާނު ދޫކޮށްލަން ކޯޓުން އަމުރުކުރެއްވިއެވެ. އެ އަމުރާއެކު ފުލުހުން ރައީސް ޔާމީން ދޫކޮށްލެއްވި ނަމަވެސް ސިފައިން މެދުވެރިކޮށް ދެވަނަ ފަހަރަށް ރައީސް ޔާމީން ހައްޔަރުކުރެއްވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރެއްވި މައްސަލާގައި ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަމީން ފައިސަލްގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތްތައް ވަނީ ފަށާފައެވެ.