ދުނިޔެ

4 މިލިއަން ޑޮލަރުގެ އަގުހުރި ފައިސާ ފޮތްޗެއް ވަގަށް ނަގައިފި


4 މިލިއަން ޑޮލަރުގެ އަގުހުރި ސާފު ރަނުގެ ފައިސާ ފޮތްޗެއް ޖަރުމަންވިލާތުގެ ދާރުލްއާސާރަކުން ވަގަށް ނަގައިފިއެވެ. 

ރާނީ އެލިޒަބަތުގެ ފޮޓޯއެއް ހުންނަ، ބިގް މެޕްލް ލީފްގެ ނަން ދެވިފައިވާ މިފައިސާ ފޮތްޗަކީ، 2007 ވަނަ އަހަރު ރާނީ ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ކެނެޑާއިން ނެރެފައިވާ ފައިސާ ފޮތްޗެކެވެ. 1.7 ފޫޓުގެ މިފައިސާ ފޮތީގެ މޫނުމަތީ އަގަކީ އެއް މިލިއަން ޑޮލަރު ނަމަވެސް، މިފައިސާ ފޮތްޗަކީ 100 ކިލޯ ސާފު ރަނުން ތައްޔާރުކޮށްފައިވާ ފައިސާ ފޮތްޗަކަށް ވާތީ، އޭގެ އަގު 4 މިލިއަން ޑޮލަރަށް އަރައެވެ. 

img:http://s4.psmnews.mv/images/660x400/14907037983856.jpg|ބިގް މެޕެލް ލީފް / މިއީ 4 މިލިއަން ޑޮލަރުގެ އަގުހުރި، 100 ކިލޯ ސާފު ރަނުން ތައްޔާރުކޮށްފައިވާ ފައިސާ ފޮތްޗެއް

ފުލުހުން ލަފާކުރާ ގޮތުގައި ފައިސާ ފޮތި ވަގަށް ނަގާފައިފަނީ ހޯމަދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެސަރަޙައްދާއި މާދުރު ނޫން ހިސާބަކުން ހަރުގަނޑެއް ފެނިފައިވާއިރު، ފުލުހުން ލަފާކުރަނީ ވައްކަންކޮށްފައިވަނީ ދާރުލްއާސާރުގެ ކުޑަދޮރަކުން އެތަނަށް ވަދަގެންކަމަށެވެ.  

img:http://s3.psmnews.mv/images/660x400/14907038146931.jpg|ބިގް މެޕެލް ލީފް / މިއީ 4 މިލިއަން ޑޮލަރުގެ އަގުހުރި، 100 ކިލޯ ސާފު ރަނުން ތައްޔާރުކޮށްފައިވާ ފައިސާ ފޮތްޗެއް

ވަޒަން ނާރާ ބިއްލޫރީގެ ފޮށިގަނޑެއްގެ ތެރޭގައި ޝޯކޭސްކޮށްފައި އިން ފައިސާ ފޮތި ވަގަށް ނެގިގޮތެއް ސާފުނުވާއިރު، ފައިސާ ފޮތީގެ ސެކިއުރިޓީ ކަންކަމާމެދު ފުލުހުން ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. 

ޖަރުމަންވިލާތުގެ ބޯޑް މިއުޒިއަމްގައި މިފައިސާ ފޮތި ބަހައްޓާފައިވަނީ 2010 ވަނަ އަހަރުއެވެ. މިދާރުލްއާސާރުގައި ފަސް ސަތޭކަ ހާހަށްވުރެ ގިނަ ތަކެތި ބަހައްޓާފައިވެއެވެ. ފައިސާ ފޮތި ވަގަށް ގެންދިޔަ ރޭ، ފައިސާ ފޮތި ފިޔަވައި އިތުރު އެއްޗެއް ގެންގޮސްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.