ޚަބަރު

ޖަޕާނުން ރާއްޖެއަށް 34 މިލިއަން ރުފިޔާގެ އެހީއެއް ދީފި


އިޤްތިސާދީ ދާއިރާއިންނާއި އިޖްތިމާޢީ ދާއިރާއިން ތަރައްޤީގެ އެކިއެކި ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް ޖަޕާނު ސަރުކާރުން ތިރީސް ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ.

ޖަޕާނު ސަރުކާރުން ދެއްވި އެހީ ސަރުކާރާ ޙަވާލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށްދެއްވި 250 މިލިޔަން ޖަޕަނީޒް ޔެން ނުވަތަ ދިވެހި ރުފިޔާއިން ނަމަ 34.1 މިލިޔަން ދިވެހި ރުފިޔާގެ އެހީއާ ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާސިމްއެވެ.

މިފައިސާގެ އެހީ ރާއްޖެއާ ހަވާލުކޮށްދެއްވުމުގެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު، ކަޒޫމީ އެންޑޯއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ ތަރައްޤީއަށް ޖަޕާނުން ދެއްވި އެހީ އަކީ ޓެރަރިޒަމާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ކުރައްވާ މަސައްކަތްތަށް ހަރުދަނާކޮށް ކުރިއެރުވުމަށްކަމަށް ދެއްވި އެހީއެއްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14908637478541.jpg|ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޓެރަރިޒަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށާއި ރާއްޖޭގެ އާއްމު ސަލާމަތަށް ޖަޕާނުގެ މިއެހީތެރިކަމުން ފައިދާކުރާނެކަމަށް އުންމީދުކުރައްވާކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާޞިމް ވަނީ ޖަޕާނުން ދެއްވި އެހީގެ ބޭނުން އެންމެ ހެޔޮގޮތުގައި ރާއްޖެއިން ހިފާނެކަމުގެ ޔަގީކަން ދެއްވާފައެވެ. އަދި ޖަޕާނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14908636963804.jpg|ފޮރިން މިނިސްޓަރ އަހުމަދު އާސިމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޖަޕާނާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް މިއަހަރު 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ގާތްވެފައިވާކަމުގައި ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. 

ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ޖަޕާނުން މިދިޔަ އަހަރު ރާއްޖޭގައި ވަނީ އެމްބަސީއެއްވެސް ހުޅުވާފައެވެ.