ޚަބަރު

ވޯޓް އޮޅުވާލެއްވީ އާޒިމް ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސިޙު މުޙަންމަދުގެ އިތުބާރުނެތްކަމުގެ ވޯޓު، ކުރިއަށްގެންދިޔަ ޖަލްސާގައި، އޮޅުވާލައިގެން ވޯޓުދެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައާގުޅޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުން ޢާއްމުކުރައްވައިފިއެވެ.

މިދިޔަ ހޯމަދުވަހު ކުރިއަށްގެންދި ޖަލްސާގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގާނީ ރޯލްކޯލް ވޯޓެއްގެގޮތުގައިތޯ ބެލުމަށް، މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުން ނެގި ވޯޓުގެ ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ ރިޔާސަތުގައި އެދުވަހު އިންނެވި ނާއިބުރައީސް މޫސާމަނިކާއި، މަޖިލީހުގެ ޖަލްސާއަށް އެދުވަހު ޙާޒިރުވެވަޑައިނުގަންނަވާ، ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަޙްމަދު މަހުލޫފް ވޯޓުގައި ބައިވެރިވެ ވޯޓުދެއްވާފައިވާކަމަށް ވަނީ ސިސްޓަމުން ދައްކާފައެވެ.

މިވީޑިއޯއިން ފެންނަގޮތުން މެދު ހެންވޭރުދާއިރާގެ މެމްބަރު ޢަލީ އާޒިމް، މަޖިލީހުގެ ޗެމްބަރުގައި ހިންގަވައި ވޯޓުދިން ވަގުތު، ނާއިބުރައީސް ޢާއްމުކޮށް އިންނަވާ ހުޅުހެންވޭރުދާއިރާގެ މެމްބަރުގެ މޭޒުކޮޅާއި، ގަލޮޅު ދެކުނުދާއިރާގެ މެމްބަރުގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އެދެމެމްބަރުންގެ އެކްސެސް ކާޑާއި، ވޯޓުލާ މެޝިނާ ކުޅުއްވާ މަންޒަރު ފެނެއެވެ.



މަޖިލީހުގެ އެދުވަހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބުރައީސް މޫސާމަނިކުވަނީ މިމައްސަލަ ބައްލަވާނެކަން އެދުވަހު ހާމަކުރައްވާފައެވެ. މަޖިލީހުގެ މިޢަމަލު ހިންގީ ކޮންބައެއްތޯ މަޖިލީހުގެ ވީޑިއޯ ސިސްޓަމްގެ އެހީގައި ބައްލަވާނެކަމަށްވެސް މޫސާމަނިކުވަނީ ވިދާޅުވެފައެވެ.