މުނިފޫހިފިލުވުން

ތިން ޖަޖުންގެ ލަވަޔަކުން ފެނުމަކީ ޓާގެޓެއް- އިރުފާން


މޯލްޑިވިއަން އައިޑަލް ސީޒަންދޭއްގެ ގަދަ ނުވައަކުން ޝޯއާއި އަލްވަދާއުކި ހަސަން އިރުފާންގެ ޓާގެޓަކީ މި ސީޒަންގެ ތިން ޖަޖުން ކިޔާފައިވާ ލަވައަކުން އޭނާ ފެނުންކަމަށް އިރުފާން ބުނެފިއެވެ.

އިރުފާން ބުނީ އޭނާއަކީ އަބަދުވެސް ލަވަކިޔާ ހިތްވާ ޒުވާނެއްކަމުގައެވެ. މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމަކީ ލަވަކިޔަން ބޭނުންވާ ކުދިންނަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި އިރުފާން ސިފަކުރިއެވެ. އިރުފާނު ބުނީ އައިޑަލްގެ ޕްލެޓް ފޯމުން އޭނާއަށް ގިނަކަންތައްތަކެއް ދަސްވިކަމަށެވެ. އެގޮތުން ލަވަކިއުމުގައި ބޭނުންކުރާނެ އެކި އުކުޅުތަކާއި ލަވަކިޔާ މީހެއްގެ ސިފައިގައި ހުންނަން ޖެހޭ ސިފަތައް އެގިގެން ހިގައްޖެކަމަށް އިރުފާންވަނީ ބުނެފައެވެ.

މިއުޒިކީ ދާއިރާއިން އަބަދުވެސް ފެންނާނެކަމަށް އިރުފާން ބުނެފައިވާއިރު، އޭނާ ބުނީ ކުރިއަށް އޮތް އެއްމަސްދުވަސް އޭނާ ހޭދަކުރާނީ މޫދުގައިކަމަށެވެ.

އިރުފާނަކީ ރާޅާ އެޅުމަށް ލޯބިކުރާ ޒުވާނެކެވެ. އައިޑަލްގައި ބައިވެރިވެ މޫދާ ދުރުގައި އުޅެން ޖެހުމުން އުދަގޫތަކެއް ކުރިމަތިވިނަމަވެސް އައިޑަލްގެ ޓީމާއެކު ހޭދަކުރި މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ދަސްވެ ހަރުދަނާ ޒުވާނަކަށްވުމަށް ހިތްވަރެއް ލިބިގެންދިޔަކަން އިރުފާން ވަނީ ފާހަގަކޮށްފައެވެ.

އިރުފާނަކީ އައިޑަލް ޝޯގެ ތެރެއިން ގިނަބައެއްގެ ލޯބި ހޯދާފައި ޒުވާނެކެވެ. އިރުފާން ބޮޑަށް ފާހަގަކުރެވެނީ ރީތި ލަވަތަކެއް ހުށަހަޅައިދިން އެންޓަރޓެއިނަރއެއްގެ ގޮތުގައެވެ. މޯލްޑިވިއަން އައިޑަލް އިން ވަކިވިނަމަވެސް އިރުފާން ވަނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ދީފައެވެ. އެގޮތުން އެއްމަސްދުވަހަށްފަހު އޭނާގެ އަޑު ފޭނުންނަށް އިވިގެންދާނެކަމަށް އޭނާ ވަނީ ބުނެފައެވެ.