ފޯވާޑް ގަލާޑޯ ޖަހައިދިން ގޯލާއެކު ނިއުރޭޑިއަންޓުން ކްލަބް ވެލެންސިޔާގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިޔާ ވާދަކުރި މެޗް ނިއުރޭޑިއަންޓުން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ނިއުރޭޑިއަންޓަށް ޖަހައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް އެދްރިއަން ގަލާޑޯއެވެ. ގަލާޑޯވަނީ ސީޒަންގައި އޭނާ ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ.
މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓެވަރޭސް ބުނީ ހީކުރިވަރަށްވުރެ ވަރުގަދަ ވާދައެއް ވެލެންސިޔާއިން ފެނުނުކަމަށާއި، މިއީ އުނދަގޫ މޮޅެއްކަމަށެވެ. ކުޅުންތެރިން މެޗުގައި ބުރަކޮށް މަސައްކަތްކުރިކަމަށާއި، ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވުން ފިޔަވައި މެޗުގައި އޭނާ މާޔޫސްވާ އެއްވެސް ކަމެއް ނެތްކަމަށްވެސް ޓެވަރޭސް ފާހަގަކުރިއެވެ.
"ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ވަރަށް ބުރަ މަސައްކަތުން ހޯދުނު މޮޅެއް މިއީ" ޓެވަރޭސް ބުންޏެވެ.
ވެލެންސިޔާގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ ލީގް ބޮޑު ބްރޭކަކަށް މެދު ކެނޑުމުގެ ކުރިން ވެލެންސިޔާއިން ދެއްކި ކުޅުމާއި މިރޭގެ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ބޮޑު ކުރިއެރުމެއް ފެނުނުކަމަށާއި، ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމަށެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބި ބޭކާރުވުމަކީ މެޗުން ބަލިވި މައިގަނޑު ސަބަބު ކަމަށް ފެސްކޯ ބުންޏެވެ.
"ހަމަ ޔަގީނުންވެސް ވެލެންސިޔާގެ ކުޅުމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ކުޅުމާއިމެދު ހިތްހަމަޖެހޭ، އެކަމަކު އެބަޖެހޭ މޮޅެއް ލިބޭ ފުރުޞަތުތައް ނިންމާލަން، މިރޭ މެޗުގައި ލިބުނު ޗާންސްތައް ނިންމާ ނުލެވުމަކީ ބޮޑު މައްސަލައެއް" ފެސްކޯ ބުންޏެވެ.
ވެލެންސިޔާގެ މައްޗަށް ހޯދި މޮޅާއެކު ނިއުރޭޑިއަންޓްވަނީ މާލޭ ލީގުގެ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކުގައެވެ. ވެލެންސިޔާ އޮތީ ލީގުގެ ހަތްވަނާގައި ތިން މެޗުން ލިބުނު އެއް ޕޮއިންޓާއިއެކުގައެވެ.