އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ޑެންޓަލް ކޭމްޕެއް ފަށައިފިއެވެ.
މިއަދު ކަލާފާނު ސްކޫލްގައި ފެށި މި ޑެންޓަލް ކޭމްޕަކީ އެ އެސޯސިއޭޝަނާއި މެޑްހޯޕް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި އެ ސްކޫލްގެ ހުރިހާ ދަރިވަރުންގެ ދަތްތައް ބަލައި، ދަތުގެ ފަރުވާ ހޯދަންޖެހޭ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕު ފެށުމަށް ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ ދެ ދަރިވަރެއްގެ ޑެންޓަލް ޗެކަޕް ހަދާފައިވެއެވެ. މި ރަސްމިއްޔާތުގައި، އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ކަލާފާނު ސްކޫލަށް އޭސީ އެއް ހަދިޔާކޮށްފައެވެ.
މި ކޭމްޕާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ އާއި އިންޑިޔާ އާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި އިންޑިޔާއިން ލިބެން ހުންނަ ބައެއް ޚިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ޖަމްޢިއްޔާގެ އަމާޒެއް ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ އެކި ޙަރަކާތްތައް ބާއްވަމުން. އެ ގޮތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން. އަދި އިންޑިޔާއިން ޑޮކްޓަރުން ގެނެސްގެން މެޑިކަލް ކޭމްޕުތައް ބޭވުމުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރަން." އަމްޖަދު ވިދާޅުވިއެވެ.
އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެރެޓަރީ މަރިޔަމް ސުހާނާ ވިދާޅުވީ އެ އެސޯސިއޭޝަނުން މިއަހަރު އެންމެ ބޮޑަށް އިސްކަމެއްދޭ އެއްކަމަކީ އޯރަލް ހެލްތާމެދު މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.
"ކަލާފާނު ސްކޫލްގައި މި ފެށުނު ޑެންޓަލް ކޭމްޕުގައި ޑޮކްޓަރު ބައްލަވަމުން ގެންދަވާނީ ކުދިންގެ ދަތުގެ މައްސަލަ ހުރި މިންވަރު. މައްސަލަ ހުރި ކުދިންނަށް ޑޮކްޓަރު ދެއްވާނެ އެއް މަސްދުވަހު ތެރޭގައި ހިލޭ ހެދޭ ޗެކަޕެއް. މެޑް ހޯޕް އިން މި ޗެކަޕް ހެދޭނެ." ސުހާނާ ވިދާޅުވިއެވެ.
ކަލާފާނު ސްކޫލްގައި މި ކޭމްޕު ފެށި ނަމަވެސް އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުގެ އަމާޒަކީ ރާއްޖޭގެ ވީހާވެސް ގިނަ ސްކޫލެއްގައި މި ކޭމްޕު ކުރިއަށް ގެންދިއުން ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނަކީ 2009 ވަނަ އަހަރުން ފެށިގެން އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ އެސޯސިއޭޝަނެކެވެ.