ތަރައްްޤީ

އިތުރު ޕާކިން ޒޯންތަކާއި ޕާކްތައް ހުޅުމާލޭގައި ތަރައްޤީކުރަނީ


މިއަހަރުގެތެރޭގައި ހުޅުމާލޭގައި ގިނަ އަދަދެއްގެ ޕާކިންގ ޒޯންތަކާއި ޕާކްތައް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ވެހިކަލް ޕާކް ކުރާނެ ޕާކިންގ ޒޯންތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ހުޅުމާލެއަކީ ރާއްޖޭގައި ނިސްބަތުން ބަލާއިރު އެންމެ ގިނަމީހުން އާބާދުވަމުން އަންނަ އެއްތަނެވެ. އާބާދީއާއެކު ހުޅުމާލެއަށް ގެންނަ ވެހިކަލްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިއާއެކު ޕާކްކުރުމަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް އެޗްޑީސީން ދަނީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ޒޯންތައް ހަދަމުންނެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ބްރިޖާއެކު ހުޅުމާލެއަށް ގިނައަދަދެއްގެ ވެހިކަލް އަންނާނެކަން ޤަބޫލު ކުރެވޭކަމަށާ، އެހެންކަމުން ޕާރކިންގ ޒޯންތައް ހެދުމަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

މިހާރުވެސް ހުޅުމާލޭ ފެރީޓާމިނަލްގެ މުދާ ފެރީތައް ކައިރިކުރާ ސަރަހައްދާވީ ފަރާތުގައި ވެހިކަލް ޕާކް ކުރުމަށް ޚާއްޞަ ޒޯނެއް އެޗްޑީސީން ވަނީ ޤާއިމް ތަރައްޤީކޮށްފައެވެ. އަދި ފެރީ ޓާމިނަލް ކުރިމަތީގައި އިތުރު ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.