ކުޅިވަރު

ހަޒާޑްގެ މޮޅު ކުޅުމާއިއެކު ޓޮޓެންހަމް ބަލިކޮށް ޗެލްސީ ފައިނަލަށް


ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އެޑެން ހަޒާޑް ދެއްކި މޮޅު ކުޅުމާއިއެކު ޓޮޓެންހަމް ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. 

އެފްއޭކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ޕްރިމިއަރ ލީގް ތާވަލްގެ އެންމެ ކުރީގައި ވާދަކުރަމުންދާ ދެ ޓީމްގެ ކުރިމަތިލުން ޗެލްސީން ކަމިޔާބުކުރީ 4-2ންނެވެ. 

ޗެލްސީގެ އެޓޭކިންގ ލައިނުގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ޑިއޭގޯ ކޮސްޓާ އަދި އެޑެން ހަޒާޑް ބެންޗުން ފެށި މި މެޗުގައި ޗެލްސީއަށް ފުރަތަމަ ލީޑް ނަގައިދިނީ ވިލިއަންއެވެ. ހެރީ ކޭންގެ ލަނޑުން ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޗެލްސީއަށް ދެވަނަ ފަހަރަށްވެސް ލީޑް ނަގައިދިނީ ވިލިއަންއެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޑެލެ އަލީގެ ގޯލުން ޓޮޓެންހަމް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރިއެވެ. ޗެލްސީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ފަނަރަ މިނެޓުގައެވެ. ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޑެން ހަޒާޑްގެ ލަނޑުން ޗެލްސީން ތިންވަނަ ފަހަރަށް ލީޑް ނެގިއިރު، އެޓީމުން މެޗު ޔަގީންކުރީ ނިމަންޔާ މަޓިޗް ޖަހައިދިން ހިތްގައިމު ލަނޑާއިއެކުގައެވެ. 

ރޭގެ މެޗާއިއެކު އެފްއޭކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު 7 މެޗުންވެސް އެޓީމްވަނީ ބަލިވެފައިއެވެ. އެފްއޭކަޕްގެ ފައިނަލުގައި ޓޮޓެންހަމް އެންމެ ފަހުން ވާދަކޮށްފައިވަނީ 1991ވަނަ އަހަރުގައެވެ. 

އަނެއްކޮޅުން ރޭގެ މޮޅާއިއެކު ޗެލްސީ ވެގެންގޮސްފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އެފްއޭކަޕްގެ ފައިނަލުން އެންމެ ގިނައިން ޖާގަ ހޯދި ޓީމަށެވެ. ޗެލްސީ 7 ފަހަރު ފައިނަލުން ޖާގަ ހޯދިއިރު، ޗެލްސީގެ ރެކޯޑާއި އަރާ ހަމަކުރަން މިރޭ އާސެނަލްއަށް ފުރުސަތު ލިބޭނެއެވެ.