ޚަބަރު

ދެ ބޭފުޅަކަށް ދަޢުލަތުގެ ޢިއްޒަތް އަރުވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ދެބޭފުޅަކަށް އަރުވައިފިއެވެ. އެ ދެބޭފުޅުންނަކީ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމާއި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުއެވެ. މި ދެ ބޭފުޅުންނަށް ރައީސް ޔާމީން ޢިއްޒަތް އެރުއްވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައެވެ.

ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ޢިއްޒަތް އެރުއްވި ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަށް އެރުވީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަށް އެރުވީ ނިޝާން ޢަސްކަރީގެ ވެރިކަމެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަށް އެރުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެމަނިކުފާނު ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ދިވެހި ދައުލަތަށް ކޮށްދެއްވި މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ނިޝާން ޢަސްކަރީގެ ވެރިކަން، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަށް އެރުވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން އެމަނިކުފާނު ކުރެއްވި ޚިދުމަތްތަކާއި، ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމު ކުރެއްވުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 އޮގަސްޓު 1966 ގައި ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ ވަޒީފާއިންނެވެ. މެދުނުކެނޑި 42 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. އެ މަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ދިފާޢީ އަދި ޤައުމީ ސަލާމަތާބެހޭ ވުޒާރާގައެވެ.

ދިވެހި ޢަސްކަރިއްޔާ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީއާ ހަމަޔަށް ވާސިލުވުމުގައި ސިފައިންގެ އެންމެމަތީ ވެރިޔާގެ އިރުޝާދާއެކު ޢަބްދުއްސައްތާރު އާދަމް، ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވެއެވެ. ޚާއްޞަކޮށް، ބޭރުގެ ޤައުމުތަކުގެ ޢަސްކަރިއްޔާތަކާއި ރާއްޖޭގެ ޢަސްކަރިއްޔާއާ ދެމެދު ގުޅުންތައް ޤާއިމުކުރައްވައި، ދިވެހި ސިފައިންނަށް ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ލޯ ހުޅުވިފައިވާ ކުޅަދާނަ، ޤާބިލު، ޒުވާން ލަޝްކަރެއް އުފެއްދެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، ސިފައިންގެ ހިތްތަކުގައި ޢަސްކަރީ އަޚުލާޤުގެ ހަރުދަނާ ސިފަ އަށަގެންނެވުމަށާއި، ކަމަށް ކަމޭހިތައިގެން ނަޒާހަތްތެރިކަމާއެކު، ޤައުމީ ރޫޙާއި ޖޯޝުގައި ޤައުމަށް ޚިދުމަތް ކުރާނެ ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކަކީ މިއަދުވެސް ޝުކުރުވެރިކަމާއެކު ހަނދާންކުރަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމްގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށާއި، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރެއްވުމަށް ކޮށްދެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ، ސަރުކާރަށް 34 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، ސިފައިންގެ ތަފާތު ދަރަޖަތަކުގަޔާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގައި ދައްކަވައި ދެއްވާފައިވަނީ، ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ރީތި ނަމޫނާއެކެވެ. ޚާއްޞަކޮށް، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި ސިފައިންގެ މައި މަރުކަޒު ދިފާޢު ކުރެއްވުމުގަޔާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ފުލުހުންގެ އިދާރާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައިގެން، އެމަނިކުފާނުގެ ދުރު ވިސްނުންފުޅުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ކުރެއްވި ކާމިޔާބު މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންނާ ގާތުން ޚިދުމަތްކޮށްދޭ ބަޔަކަށް ފުލުހުން ހިމެނިގެންދިޔަކަންވެސް ފާހަގަކޮށްލަންޖެހެއެވެ.