ކުޅިވަރު

އެތްލެޓިކޯގެ އާ ސްޓޭޑިއަމް އަންނަ އަހަރު ބޭނުންކުރަން ފަށާނެ


50 އަހަރު ވަންދެން އަމިއްލަ ދަނޑުގެ ގޮތުގައި ދެކެމުންދިޔަ ވިސެންޓެ ކަލްދެރޯން ސްޓޭޑިއަމް ދޫކޮށްލުމަށްފަހު، އަންނަ ސީޒަންގައި އެތްލެޓިކޯ މެޑްރިޑް އެޓީމްގެ އަމިއްލަ ދަނޑުގެ ގޮތުގައި ދެކެމުންދާނީ މުޅިންއާ ސްޓޭޑިއަމެކެވެ.

ސްޕެއިންގެ އިތުރުން ޔޫރަޕް ފުޓްބޯޅައިގެވެސް ގަދަ ބާރެއްގެ ގޮތުގައި މިހާރު ބެލެވޭ އެތްލެޓިކޯ މެޑްރިޑް އަންނަ އަހަރު ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރަށް ފަރުމާކުރެވި ތައްޔާރުކުރެވިފައިވާ މުޅިން އާ ދަނޑެއްގައެވެ. އެއީ ވަންޑާ މެޓްރެޕޮލިޓާނޯ ސްޓޭޑިއަމްއެވެ.

އެތްލެޓިކޯގެ އާ ދަނޑަށް މިނަން ދެވުނީ ދަނޑު ސްޕޮންސާކޮށްފައިވާ ޗައިނާގެ ޑެލިއަން ވަންޑާ ގްރޫޕްގެ ނަމާއި އެތްލެޓިކޯގެ އެންމެ ފުރަތަމަ ދަނޑު މެޓްރޮޕޮލިޓާނޯ ދަނޑު ރަމްޒުކޮށްދޭ ގޮތަށެވެ.

އާއްމުގޮތެއްގައި ފުޓްބޯޅަ ކްލަބްތަކުން އެޓީމްގެ ދަނޑުތައް މަރާމާތުކޮށް ޖާގަ އިތުރުކުރަމުންދާއިރު އެތްލެޓިކޯ މެޑްރިޑުން މުޅިން އާ ދަނޑެއް އަޅަން ނިންމީ އެޓީމްގެ މިހާރުގެ ދަނޑު ވިސެންތޭ ކަލްދެރޯން އިން ސަރަހައްދުގެ ގޮތުގައި އެދަނޑު އިތުރަށް ބޮޑުކުރެވެން ނެތުމުގެ ސަބަބުންނެވެ.

އެތްލެޓިކޯގެ އާ ސްޓޭޑިއަމަކީ ފުޓްބޯޅައަށް ޙާއްސަކޮށްގެން ތައްޔާރުކުރި ދަނޑެއް ނަމަވެސް މިދަނޑުގައި ދުވާ ޓްރެކެއްވެސް ހިމެނެއެވެ. އާއްމުގޮތެއްގައި ފުޓްބޯޅަ ދަނޑުތަކުގައި ދުވާ ޓްރެކެއް އެޅުމުން ސަޕޯޓަރުންނާއި ކުޅިބަލާ މީހުން ތިބެން ޖެހޭނީ ދަނޑާ ފުދޭވަރަކަށް ދުރުގައެވެ. އެހެންނަމަވެސް މި ދަނޑު ފަރުމާކޮށްފައި ވަނީ ފުޓްބޯޅަ މެޗު ތަކުގައި ސަޕޯޓަރުންނަށް އެފަދަ ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ފަދަ ގޮތަކަށް ބަލާފައެވެ. އެއީ ފުޓްބޯޅަ މެޗުތަކުގައި ބޭނުންކުރާ ގޮނޑިބަރިތަކުގެ ދަށުގައި ދުވާ ޓްރެކް އަޅާފައި ވުމުންނެވެ.

އެތްލެޓިކްސްގެ ހަރަކާތެއް މިދަނޑުގައި ކުރިއަށް ގެންދަންޖެހިއްޖެނަމަ ގޮނޑިބަރިތަކުގެ ތެރެއިން ދަނޑާ އެންމެ ކައިރީގައިވާ ވިހި ހާހެއްހާ ގޮނޑި ނެގަންޖެހޭނެއެވެ.

ހަތްދިހަ ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި ވިހިހާހެއްހާ ގޮނޑި ނެގިނަމަވެސް ފަންސާސް ހާސް މީހުންގެ ޖާގަ އޭރުންވެސް ބާކީ އޮންނާނެއެވެ.

މިގޮތަށް މިސްޓޭޑިއަމް ފަރުމާކުރީ 2011 ވަނަ އަހަރު ސްޓޭޑިއަމްގެ މަސައްކަތް ފަށިގެންދިޔައިރު ސްޕެއިންއިން 2020 ވަނަ އަހަރު އަދި 2024 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް އެޤައުމުގައި ބޭއްވުމަށް މސައްކަތް ކުރަމުންދިއުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް ސްޕެއިންގެ މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެ އޮލިމްޕިކް ހޯސްޓްކުރުމަށް ލީ ހުރިހާ ބިޑެއްވެސް ނާކާމިޔާބު ވެފައެވެ.

އެތްލެޓިކޯއިން އެޓީމްގެ އާ ސްޓޭޑިއަމް ހަދާފައިވާ ބިން އެކްލަބަށް ގަނެފައިވަނީ 30 މިލިއަން ޔޫރޯގެ އަގަކަށެވެ.

200 މިލިއަން ޔޫރޯގެ އަގުބޮޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމް ހުޅުމަށް ހަމަޖެހިފައިވާ މިއަންނަ ޖޫން މަހުގެ ތިރީސް ވަނަ ދުވަހުއެވެ.

 އެހެންނަމަވެސް މި ދަނޑުގައި ފުރަތަމަ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ސީޒަންގެ ތެރޭއެވެ.