ދުނިޔެ

"މެރީ ލެޕޭންއަށް ވޯޓު ދީފިނަމަ ފްރާންސް ބައިބައި ވެގެންދާނެ"


ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ ހަރުކަށި ލީޑަރު މޭރީ ލެޕޭން އަށް ވޯޓު ނުދިނުމަށް ރައީސް ފޮންސުވާ އޮލާންދް، ފަރަންސޭސި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. 

ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި އޮލާންދް ވިދާޅުވީ ލެޕޭން ފަރަންސޭސި ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންފިނަމަ ފަރަންސޭސި މުޖްތަމަޢު ބައިބައިވެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މޭރީ ލެޕޭން ވަނީ އިންތިޚާބުގެ ދެވަނަ ބުރު ކަށަވަރު ކުރައްވާފާއެވެ. 

ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވާއިރު ކަނާތު ފިޔައިގެ މެދުމިނުގެ ކެންޑިޑޭޓް، އެންމާނުއެލް މެކްރޯން އަށް ލިބިފައިވަނީ ތޭވީސް ޕޮއިންޓް އަށެއް ދޭއް އިން ސައްތަ ވޯޓެވެ. އަދި ހަރުކަށި ފިކުރުގެ ލީޑަރު މޭރީ ލެޕޭން އަށް ލިބިފައިވަނީ އެކާވީސް ޕޮއިންޓް ފަހެއް އަށެއް އިންސައްތަ ވޯޓެވެ. ލެޕޭންއަކީ ފަރަންސޭސިވިލާތަށް ހިޖްރަކޮށްގެން އުޅޭ މުސްލިމުންނާއި އެހެން ގައުމުތަކުގެ ރައްޔިތުން އެގައުމުން ބޭރުކޮށް ފަރަންސޭސި ވިލާތަށް ބޭރު މީހުން ހިޖުރަކުރުން މަނާކުރުމަށް ފާޅުގައި ގޮވާލައްވާ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އޮލާންދް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ލެޕޭންއަށް ލިބުމަކީ ފަރަންސޭސިވިލާތުގެ ވާތުފިޔައިގެ ޕާޓީތަކާއި ކަނާތުފިޔައިގެ ޕާޓީތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފިލާވަޅެއްކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14928587448802.jpg|ހަރުކަށި ފިކުރުގެ ކެނޑިޑޭޓް މެރީން ލަ ޕެން

ލެޕޭންގެ ކާމިޔާބީއަކީ ލިބުނު އިންޒާރެއް ކަމަށް ދެކިގެން ފަރަންސޭސި ކަނާތުފިޔައިގެ ޕާޓީތަކާއި ވާތުފިޔައިގެ ޕާޓީތައް ގުޅިގެން އެންމާނުއެލް މަކްރޯން އަށް އިންތިޚާބު ކާމިޔާބުކޮށްދީ ލެޕޭން ބަލިކުރެވޭތޯ މަސައްކަތް ކުރުމަށް އޮލާންދް ގޮވާލެއްވިއެވެ. 

މިއީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ކެންޑިޑޭޓަކަށް ފަރަންސޭސި ރިޔާސީ އިންތިޚާބުގައި މިހާބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ. މިހެން ދިމާވީ ފަރަންސޭސި ރައްޔިތުންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދައިދީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ކަނާތުފިޔައިގެ ޕާޓީތަކާއި ވާތުފިޔައިގެ ޕާޓީތައް ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ނާކާމިޔާބު ވުމުގެ ނަތީޖާ އެއްގެ ގޮތުންކަމަށާ ފަރަންސޭސި ގިނަ ބަޔަކު މިފަހަރު ވޯޓު ދީފައިވަނީ ބަދަލަކަށް ކަމަށް ފަރަންސޭސި ނޫސްތަކުން ބުނެއެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެގާރަ ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު ރައީސް އޮލާންދް މިއިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ މޭމަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ލެޕޭންވަނީ ފަރަންސޭސިވިލާތް ފަރަންސޭސި އަސްލު ރައްޔިތުންގެ ތަނަކަށް ހެދޭނީ އެކަމަނާއަށް ވޯޓު ދީގެންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފުރަތަމަ ބުރުގައި ނާކާމިޔާބުވި ހުރިހާ ކެންޑިޑޭޓުންވަނީ ލެޕޭން އަށް ފުރުސަތު ނުދިނުމަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރުގައި މަކްރޯން އަށް ތާއީދުކުރައްވައި އޭނާއަށް ކޭންޕޭން ކޮށްދެއްވާނެކަން އިޢުލާން ކުރައްވާފައެވެ.