ސޫރިޔާގެ އާންމުންނާ ދެކޮޅަށް ދާދިފަހުން ދިން ކެމިކަލް ގޭހުގެ ހަމަލާއާ ގުޅިގެން އެކަމުގެ ރައްދުގައި އދ. ގެ ސަލާމަތީ މަޖިލީހަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުގެ މަންދޫބުންނާއެކު ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިމަހުގެ ކުރީކޮޅު ސޫރިޔާގެ ޚާން ޝައިޚޫން އަށް ކެމިކަލް ގޭހުގެ ހަމަލާދިނީ ސޫރިޔާ ސިފައިން ކަމަށާ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ކަމަށެވެ. ނަމަވެސް އެހަމަލާއާ ގުޅިގެން ސޫރިޔާގެ އާންމުންގެ ހިމާޔަތުގައި އދ. ގެ ސަލާމަތީ މަޖިލީހަށް އެއްވެސް ކަމެއް ކުރެވިފައިނުވުމަކީ ދެރަވަރު ކަމެއްކަމަށާ އެކަމާމެދު ހިތާމަކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސޫރިޔާގެ ޚާން ޝައިޚޫން އަށް ކެމިކަލް ހަމަލާގައި ހަތްދިހައަށްވުރެ ގިނަ މީހުން މަރުވެ އެތަށް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެހަމަލާގެ ފަހަތުގައިވާ ފަރާތެއް ސާފުވެފައެއް ނުވެއެވެ. އެމައްސަލާގައި ސޫރިޔާ ސަރުކާރު ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތް ކުރި ގަރާރާ ދެކޮޅަށް ރަޝިޔާއިންވަނީ ވީޓޯގެ ބާރު ބޭނުންކޮށްފައެވެ.