ޤަވައިދާ ޚިލާފަށް މީހުން އެތެރެކުރާ އެމެރިކާގެ ސްޓޭޓްތަކަށް އެގައުމުގެ ސަރުކާރުން ދޭ އެހީތައް މަދުކުރުމަށް ގޮވާލާ އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވާފައިވާ ރިޔާސީ ޤަރާރު ތަންފީޒުކުރުން ހުއްޓުވުމަށް ގޮވާލާ އަމުރެއް އެމެރިކާގެ ކޯޓަކުން ނެރެފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ރައީސް ނެރުއްވި ރިޔާސީ ޤަރާރު އެއްވެސް ސިފައެއްގައި ތަންފީޒުކުރުން މަނާ ކުރާ މި ކޯޓު ޢަމުރު ނެރުނީ އެމެރިކާގެ ސެން ފްރޭންސިސްކޯގެ ފެޑެރަލް ކޯޓުން ކަމަށް ޚަބަރު ލިބެއެވެ. މި ކޯޓު ޢަމުރަކީ ވަގުތީ ޢަމުރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކޯޓު ޢަމުރު ނެރުއްވި ފަނޑިޔާރު ވިލިއަމް އޮރިކް ވިދާޅުވީ، އެމެރިކާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަކި ވަކި ސްޓޭޓްތަކަށް އެކި އެކި ކަންކަމުގައި ދޭ މާލީ އެހީއަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުޞަތު އެމެރިކާ ސަރުކާރަށް ނުދޭނެ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން ކުރާ ޚަރަދުތައް ކަނޑައެޅުމުގެ ބާރު އެމެރިކާގެ ޤާނޫނު އަސާސީއިން ލިބިދީފައިވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ކަމަށާ މިއީ އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ ނިންމުމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެމެރިކާގައި ޤަވައިދާ ޚިލާފަށް އުޅޭ ކަމަށް ބުނާ ގިނަ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި މުސްލިމް ބައެއް ގައުމުތަކުން އެމެރިކާއިން މީހުން އައުން ހުއްޓުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސްކަމާ ޖެނުއަރީމަހު ހަވާލުވެވަޑައިގެން ޑޮނާލްޑް ޓްރަމްޕް މިހާތަނަށް އަޅުއްވާފައިވާ ގިނަ ފިޔަވަޅުތަކެއް އެގައުމުގެ ކޯޓުތަކުން ވަނީ ތަންފީޒުކުރިޔަ ނުދީ ހުއްޓުވާފައެވެ.
އަނެއްކޮޅުން، އަވަށްޓެރި މެކްސިކޯއިން އެމެރިކާއަށް ޤަވައިދާ ޚިލާފަށް ވަންނަ މީހުން ހުއްޓުމަށް ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އެމެރިކާއަށް ވީ ފަޅީގައި އަޅާނެ ކަމަށް ޓްރަމްޕް ވަޢުދުވެޑައިގެންނެވި ފާރު ހެދުމަށް ބޭނުންވާ ފައިސާ މި ހަފްތާގައި ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާ ބަޖެޓް ބިލްގައި ނުހިމަނާނެ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ. މި ހަފްތާގައި ކޮންމެ ހެން ވެސް ފާސްކުރަން ޖެހޭ މި ބިލް ގައި މިފައިސާ ނުހިމަނަން އެމެރިކާ ސަރުކާރުން ނިންމީ މިފަދަ ނުކުތާއެއް ބިލްގައި ހިމަނައިފިނަމަ ބިލް އަނބުރާ ފޮނުވާލާނެ ކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން ބުނެފައިވަނިކޮށެވެ.
ރިޔާސީ ކެމްޕޭންގައި ޓްރަމްޕް ވަނީ މި ފާރު އަޅާނީ މެކްސިކޯގެ ޚަރަދުގައި ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މެކްސިކޯއިން އަދި މިފަދަ ކަމަކަށް އެއްބަސްވެފައެއް ނެތެވެ.