ކުޅިވަރު

ޒިދާންގެ ތައުރީފް އިސްކޯއަށް


ގިނަ ބަދަލުތަކަކާއެކު ނިކުތް ރެއާލް މެޑްރިޑް ފަސޭހަކަމާއެކު ދެޕޯރްތިވޯ ލަ ކަރުނާގެ މައްޗަށް ކުރިހޯދާ، ލަލީގާ ކާމިޔާބުކުރަމުންދާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ރެއާލް ދެން ކުޅެންޖެހޭ ފަސް މެޗު ކާމިޔާބުކޮށްގެން ލީގު ކަށަވަރުކުރުމުގެ ފުރުސަތު އޮތްއިރު ރޭގެ މެޗަށް ރެއާލް ނިކުތީ ބަދަލުތަކަކާއެކުއެވެ. ރޭގެ މެޗަށް ރެއާލް ނިކުތީ އެންމެ ފަހުން ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރަ ކުޅުންތެރިންގެ ތެރެއިން ނުވަ ކުޅުންތެރިން ނުހިމަނައެވެ. މީގެ ތެރޭގައި ރޮނާލްޑޯ، ބޭލް، ބެންޒިމާ، މޮޑްރިޗް، ކްރޫސް އަދި ކަސެމީރޯ ހިމެނެއެވެ.

 6-2 ން ރެއާލް ކާމިޔާބުކުރި މެޗުގައި ރެއާލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ހަމޭސް ރޮޑްރިގޭޒް އާއި އަލްވާރޯ މޮރާޓާ، އިސްކޯ، ލުކަސް ވަސްކޭޒް އަދި ކަސެމީރޯއެވެ.

މިމެޗުގައި ހަމޭސް ވަނީ ދެ ލަނޑު ޖަހާފައެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ޒިދާން ބުނީ ކުރިއަށް ދެން ރެއާލްއަށް މުޅިންވެސް އޮތީ ފައިނަލްތަކެއް ކަމަށެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި އިސްކޯއަށް ޒިދާން ވަނީ ޙާއްސަކޮށް ތައުރީފްކޮށްފައެވެ. އިދިކޮޅު ޓީމުގެ ސަޕޯޓަރުންވެސް އިސްކޯއަށް ތައުރީފް ކުރިއިރު ޒިދާން ބުނީ އިސްކޯއަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި އެހެންކުޅުންޔެރިންނަށް ނުކުރެވޭ ކިންތަންމެ ކަމެއް އޭނާ ކުރާކަމާށެވެ.