ޚަބަރު

ދިވެހިބަހުގެ އެކެޑަމީން ދެ އެވޯޑެއް ތަޢާރަފްކުރައްވައިފި


ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ޚާއްޞަ ދެ އެވޯޑެއް ތަޢާރަފްކުރައްވައިފިއެވެ. 

މި އެވޯޑްތަކަކީ ދިވެހިބަސް ދިފާޢުކުރުމުގެ ގޮތުން ދެއްވާ އެވޯޑަކާއި ދިވެހިބަސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. މި އެވޯޑުތައް ތަޢާރަފްކުރެއްވީ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ފާހަގަކުރެއްވި އަދަބީ ޢީދުގައި ކުރިއަށް ގެންދެވި ޙަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވުމަށް އޮލިމްޕަހުގައި ރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ތަޢާރަފުކުރި ދެ އެވޯޑުގެ ތެރެއިން ދިވެހިބަސް ދިފާޢު ކުރުމުގެ އެވޯޑު ލިބިވަޑައިގަތީ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށެވެ. މި އެވޯޑު އެ އޮފީހަށް ހަވާލުކުރެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ. އަދި މި އެވޯޑާ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ހަވާލުވެވަޑައިގަތީ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުއެވެ. އެކެޑަމީގެ ފަރާތުން ތަޢާރަފްކުރި ދެވަނަ އެވޯޑު ކަމުގައިވާ ދިވެހިބަސް އާލާ ކުރުވުމަށް ކުރާ މަސައްކަތް ދެ ފަރާތަކަށް ވަނީ ލިބިފައެވެ. އެއީ ލިޔުންތެރިންގެ ޖަމިއްޔާއާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑަށެވެ.

img:http://s3.psmnews.mv/images/660x400/14932920760658.jpg|ދިވެހިބަސް ދިފާޢުކުރުމުގެ އެވޯޑް ލިބުނީ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް / ފޮޓޯ: ޕީއެސްއެމް

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އަދަބީ އީދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަޚުރުވެރި ރަންތަރި ލިބުނީ ޖަމާލުއްދީން ސްކޫލަށެވެ. ރިހިތަރި ހޯދާފައިވަނީ ކަލާފާނު ސްކޫލުންނެވެ. އަދި ސުވާސާ ތަރި ހޯދާފައި ވަނީ އަމީނިއްޔާ ސްކޫލުންނެވެ.

އަދަބީ ޢީދުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި އަދަބީ ޢީދުގެ އެކިއެކި މުބާރާތްތަކުން އެއްވަނަ ދިޔަ ދަރިވަރުންނަށްވެސް ވަނީ އިނާމް ޙަވާލުކުރައްވާފައެވެ. އެގޮތުން ރައިވަރު ކިޔުމުން އެއްވަނަ ހޯދާފައި ވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު ރާޔާ ޢަބްދުއްރައްޒާޤުއެވެ. އަތުލިޔުމުން އެއްވަނަ ހޯދީ ޢަރަބިއްޔާ ސްކޫލުގެ މަރިޔަމް ލަޔާލުއެވެ. އާ ލަފްޒު ކިޔުމުން އެއްވަނަ ޖަމާލުއްދީން ސްކޫލުގެ ރާއިފް ޢަބްދުއްރައުފާއި ތާޖުއްދީން ސްކޫލުގެ ހުޒައިފާ އަޙްމަދު ވަނީ ހޯދާފައެވެ. ތާރީޚު ކުއިޒުން އެއްވަނަ ހޯދާފައި ވަނީ ކަލާފާނު ސްކޫލުގެ ނާދިހް ޢަބްދުލްޙަމީދުއެވެ. 

އަދަބީ އީދުގެ ޙަރަކާތްތަކުގެ ތެރެއިން ޕްރީ ސްކޫލު ޓީޗަރުންގެ މެދުގައި ބޭއްވެވި އާ ލަފްޒު ކިޔުމުގެ މުބާރާތުން އެއްވަނަ ޙާޞިލްކުރީ ބްރިޖް ލިޓުލް ލާނަރ ޕްރީ ސްކޫލުގެ ޓީޗަރ ޙައްވާ ރިފާޤުއެވެ. އޮފީސްތަކުގެ މެދުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުން އެއްވަނައަށް ހޯދާފައިވަނީ ހޯމް މިނިސްޓްރީންކަން ފާހަގަކޮށްލެވެއެވެ.

ވަކިވަކި މުބާރާތްތަކުން އެއްވަނައަށް ދިޔަ ސްކޫލުތަކަށް ބަލާއިރު ރައިވަރު ކިޔުމުން އެއްވަނައަށް ދިޔައީ ޖަމާލުއްދީން ސްކޫލެވެ. އަތުލިޔުމުގެ މުބާރާތުން އެއްވަނައަށް ދިޔައީ މުޙްޔިއްދީން ސްކޫލެވެ. އާލަފްޒު ކިޔުމުގެ މުބަރާތުން ޖަމާލުއްދީން ސްކޫލް ދިޔައިރު ތާރީޚް ކުއިޒުގެ މުބާރާތުން އެއްވަނަ ހޯދީ ކަލާފާނު ސްކޫލުންނެވެ. އަދި އެބައުޅޭ މިބައުޅޭ މުބާރާތުން އެއްވަނައަށް ދިޔައީ ތާޖުއްދީން ސްކޫލުންނެވެ.