ސިއްހަތު

ޤައުމީ ވެކްސިން ތާވަލަށް އެމް.އާރު ވެކްސިން ތަޢާރަފްކުރައްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލަށް މީސަލްސް އަދި ރުބެއްލާ (އެމްއާރު) ވެކްސިން ތަޢާރަފްކުރައްވައިފިއެވެ. މި ބަދަލާއެކު، ނުވަ މަހުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ ބަދަލުގައި، މިއަދުން ފެށިގެން ދޭނީ އެމްއާރް ވެކްސިންއެވެ.

ދަމަނަވެށީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޤައުމީ ވެކްސިން ތާވަލަށް އެމްއާރު ވެކްސިން ތަޢާރަފްކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާޙީމްއެވެ. މިއަދު ވަނީ ފުރަތަމަ ފަހަރަށް ތުއްތު ކުއްޖަކަށް އެމްއާރު ދެއްވާފައެވެ.

ދިވެހިރާއްޖެއަކީ މީސަލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ސަރުކާރުން ގެންދަނީ އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  މި މަސައްކަތުގެ ދަށުން މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕޭނެއް މާރޗް މަހުގެ 26 ވަނަ ދުވަހު ފަށްޓަވާފައިވެއެވެ. ރާއްޖޭގައި ފެތުރުނު އިންފުލުއެންޒާ ރޯގާއާ ގުޅިގެން އެކެމްޕޭން މެދުކަނޑުއްވާ ލެއްވިއިރު ގިނަ ބަޔަކަށް ވަނީ ވެކްސިން ދީފައެވެ. އެމަސައްކަތުގެ 75 އިންސައްތަ ކާމިޔަބުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މީސަލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ކުރާ މަސައްކަތަށް ސަރުކާރުން މިވަނީ އަނެއްކާވެސް ހަރުދަނާ ފިޔަވަޅެއް އަޅުއްވާފައެވެ. މިގޮތުން ޤައުމީ ވެކްސިން ތާވަލަށް ބަދަލެއް ގެންނަވާ އެ ތާވަލަށް މީސަލްސް އަދި ރުބެއްލާ، އެމްއާރް ވެކްސިން މިވަނީ ތަޢާރަފްކުރައްވާފައެވެ. ރާއްޖޭގައި ރުބެއްލާ އަދި މީސަލްސް ފެތުރޭ މިންވަރު މަދުކުރެއްވުމުގެ ގޮތުން މި ގެންނެވި ބަދަލާއެކު ނުވަ މަހުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ ބަދަލުގައި، ދެމުން ގެންދާނީ އެމްއާރް ވެކްސިންއެވެ.

ނުވަ މަހުގައި ޖަހަން ފަށާ އެމްއާރް ވެކްސިނާއި، 18 މަހުގައި ދެވޭ އެމް.އެމް.އާރް ވެކްސިންގެ ސަބަބުން ތުއްތު ކުދިންނަށް ހިމަބިއްސާ ރުބެއްލާއިން ފުރިހަމައަށް ރައްކާތެރިކަން ލިބޭނެއެވެ.

ވެކްސިން ތަޢާރަފްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިއީ މީސަލްސް އާއި ރުބެއްލާއިން ފުރިހަމައަށް ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

''ކުރިން ޖަހަމުން ދިޔަ މީސަލްސް ވެކްސިންގެ ބަދަލުގައި ނުވަ މަހުން ދެންޖަހަނީ މީސަލްސް އެންޑް ރުބެއްލާ ވެކްސިން. އަށާރަ މަހުގައި ދެ ޑޯޒް އެކީގައި ހަމަވާނެ. މިކަމުގެ ސަބަބުން ބޮޑެތި ބަލިތަކުން ރައްކާތެރިވެ 2020 ގެ ކުރީން ރާއްޖެއަކީ މީސަލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ '' ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. 

ރުބެއްލާއަކީ ހިމަބިހި ފަދައިން ވައިގެ ޒަރީއާއިން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ރުބެއްލާ ޖެހުމުން ފެންނަ ޢާންމު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ލޯ ރަތްވުމާއި، ވަރުބަލިވުމާއި، ހުޅުހުޅުގައި ރިއްސުންފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ގައިން ފެނެއެވެ.

ނޭޝަނަލް ވެރިފިކޭޝަން ކޮމިޓީގެ މެންބަރު ޑރ. އަޙުމަދު ފައިސަލް ވިދާޅުވީ، ޚާއްސަކޮށް މާބަނޑު މީހުންނަށް މިބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ނުރައްކާ ކުރިމަތިވާ ކަމަށެވެ.

''މާބަނޑު މީހުންނަށް މި ބަލިޖެހުމުން ވަރަށް ބޮޑަށް ނުރައްކާވޭ، އޭގެ ތެރޭގައި ބޮޑެތި އައިބުތައް ހުރުން، ލޮލާއި، ކަންފަތާއި، ހިތުގެ ނާރުތައް ބެދުންފަދަ ކަންކަން ހިމެނޭ" ފައިސަލް ވިދާޅުވިއެވެ.

އެމްއާރް ވެކްސިން ޖަހާ މީހުންގެ ތެރެއިން 95 އިންސައްތަ މީހުން މުޅި އުމުރަށް އެ ބަލިން ރައްކާތެރިކަން ލިބިގެންދާ ވެކްސިނެއް ކަމަށް ސިއްޙީ މާޙިރުން ވިދާޅުވެއެވެ. އާއްމުކޮށް ޖަހާ އެހެން ވެކްސިންތައް ގޮތަށް އެމްއާރު ވެކްސިން ޖެހުމުންވެސް ވެކްސިން ޖަހާތަނަށް ތަދުވުމާއި، އެތަން ދުޅަވުމާއި، ރަތްވުން އަދި ހުންއައުން ފަދަ ބައެއް އުނދަގޫތައް ދިމާވެއެވެ. ތުއްތު ކުދިންނަށްދޭ ވެކްސިންދޭ މިންވަރު މިހާރެކޭ އެއްފަދައިން 95 އިންސައްތައްވުރެ މަތީގައި ދަމަހައްޓައި، ގައިން ގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެޗްޕީއޭން ވިދާޅުވެއެވެ.