ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލުވާ ގޮތުން ދުއިސައްތަ ސާޅީސް ފަސް މަންދޫބުން ބައިވެރިވި، ޝާމިލުކުރުމުގެ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ބޭއްވެވި ތިންދުވަހުގެ މި މަހާސިންތާގެ ނިންމުން ފާހަގަކުރެއްވީ މިއަދުއެވެ.
އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިންނަށް އުނގަންނައިދިނުމުގެ ފަހި ފުރުޞަތުތައް ހޯއްދަވައިދެއްވަން ކުރައްވަން ހުރި މުހިންމު ކަންކަމާ ބެހޭގޮތުން ބޭއްވެވި މިމަހާސިންތާގައި ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އިންކްލޫސިވް އެމްބެސެޑަރެއް ބެހެއްޓުމާބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމް ދެއްވުމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ކުރެއްވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެފަދަ ކަންކަން ތަންފީޒީ މަރުޙަލާއަށް ގެނައުމުގައި ކުރިމަތިވެވަޑައިގަންނަވާ ދަތިތައް ޙައްލުކުރެއްވުމަށް ކުރައްވާނެ ކަންކަމާބެހޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޝާމިލުކުރުމުގެ ތަޢުލީމް ނުވަތަ އިންކްލޫސިވް އެޑިއުކޭޝަން ތަޢާރަފުވެގެން އައިގޮތާއި، ތަރައްޤީކުރުމަށް މަސައްކަތް ކުރެވުނުގޮތާ ބެހޭގޮތުން މަހާސިންތާގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
img:http://s4.psmnews.mv/images/660x400/14930945898129.jpg|ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޕީއެސްއެމް ފޮޓޯ: ޢަލީ ނަސީރު
މަހާސިންތާ ނިންމެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މަހާސިންތާގެ ބައިވެރިންނަށް ހަނދާނީލިޔުން ދެއްވީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެކެވެ. އަދި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީވެސް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރެއް ކަމަށްވާ އަލްޙާފިޡު އަޙުމަދު ނަބީޙްކަންވެސް ފާހަގަކޮށްލެވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ޝާމިލްކުރުމުގެ މަހާސިންތާއަކީ ވަރަށް ކާމިޔާބު މަހާސިންތާއެއް ކަމަށެވެ. އަދި މި މަހާސިންތާއިން ބިނާކުރުވަނިވި ކަންތައްތަކެއް ނިންމިގެން ގޮސްފައިވާކަން ޝަފީޢު ފާހަގަކުރެއްވިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީން ވިދާޅުވީ މިއަދުގެ ތަޢުލީމީ ސިޔާސަތު ބަޔާންކުރާ ފަދައިން، އެންމެ ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން އުނގެނުމުގެ ހަމަހަމަ ފުރުޞަތުތައް ހުރިހާ ކުދިންނަށް ދެއްވުމަށްޓަކައި ގެނެވުނު އެންމެ ބޮޑު އިންޤިލާބީ ބަދަލަކީ، މަދަރުސީ ތަޢުލީމްގެ ޤައުމީ މަންހަޖު ކަމަށެވެ. އެ މަންހަޖުގައި ވަކިވަކި ދަރިވަރުންގެ ޤާބިލްކަމަށް ރިޢާޔަތްކުރެވި، ހުރިހާ ކުދިން ޝާމިލްވާގޮތަށް ތަޢުލީމީ ނިޒާމް ބައްޓަންކުރެވިފައިވާ ކަމަށްވެސް އެންއައިއީން ވަނީ ވިދާޅުވެފައެވެ.