ކުޅިވަރު

ބޯޅަ ދެކެ ބިރުން އުޅޭތީ އެންމެން މަލާމާތްކުރި، މިހާރު ތަރިއެއް!


ކުޅިވަރު ކުޅޭ ކޮންމެ ކުޅުންތެރިއެއްގެވެސް ކުޅިވަރުގެ ހަޔާތް ފެށުމުގައި އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ގިނަ ކުޅުންތެރިންގެ ކުޅިވަރުގެ ފެށުން އަންނަނީ އެކުވެރިންނާއިއެކު ކުރާ މަޖަލުގެ ތެރެއިންނެވެ. ނުވަތަ މީހަކު ބުނެގެން ފެށޭ މަސައްކަތެއްގެ ތެރެއިންނެވެ. ނެޓްބޯޅާގައި ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު އެއް ސެންޓަރ ކޯޓް ޕްލޭޔަރ އައިޝަތު ހަނާން ހުސައިންގެ ވާހަކަ ވަރަށް ތާފާތެވެ.

ހަނާންގެ ކުޅިވަރުގެ ހަޔާތުގެ ފެށުމަކީ ގްރޭޑް އެކެއްގެ ޕީއީ ޓީޗަރެވެ. "ހަނާންއަކީ ބޯޅަ ދެކެ ބިރުން އުޅޭ ކުއްޖެއް"، މިހެން ގްރޭޑް އެކެއްގެ ފުރަތަމަ ޓާރމް ރިޕޯޓް ފޮތުގައި ޕީއީ ޓީޗަރު ޖެހުމަކީ ހަނާން ގަބޫލުކުރާ ގޮތުގައި މުޅި ހަޔާތް ބަދަލްކޮށްލިކަމެކެވެ. އެތްލެޓިކްސްއަށް ޝައުގުވެރިކަންހުރި ހަނާން ބޯޅަދެކެ ބިރު ނުގަންނަކަން ޕީއީ ޓީޗަރަށް ސާބިތުކޮށްދޭން ބުރަ މަސައްކަތް ފެށިއެވެ. ފުރަތަމަ ޓާރމް ޗުއްޓީގައި މަސައްކަތްފެށިއެވެ. ދެވަނަ ޓަރމްގެ އިންޓަރ ކްލާސް މުބާރާތެއްގައި ވާދަކުރުމުގެ އަޒުމުގައެވެ.

"އަސްލު ނެޓްބޯޅައިގެ ފެށުމަކީ ގްރޭޑް އެކެއްގެ ފުރަތަމަ ޓާރމް ރިޕޯޓް ފޮތުގައި ޕީއީ ޓީޗަރު ލިޔުނު ކޮމެންޓް. ހަނާން ބޯޅަދެކެ ބިރުގަނޭ ޖެހީމަ ބޭނުންވީ ބިރު ނުގަންނަކަން ދައްކާލަން، އަލުން ކިޔެވުން ފެށިއިރު ވަރަށް ތައްޔާރުވެގެންއާއީ"

img:http://s4.psmnews.mv/images/660x400/14934402057228.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ވައިސް ކެޕްޓަން ހަނާން ހުސައިން (މ) / ފޮޓޯ : ޕީއެސްއެމް

ހިތްވަރާއިއެކު ކުރި މަސައްކަތުން ޕީއީ ޓީޗަރު އެފާހަގަކުރި ބިރު ކޮންމެވެސް ވަރަކަށް ކެނޑިއްޖެއެވެ. އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ފުރަތަމަ ކުޅުނީ ބޯޅަދެކެ ބިރު ނުގަންނަކަން ޕީއީ ޓީޗަރަށް ދައްކާލަންވެގެންނެވެ.

ސްކޫލުގައި އުޅުނުއިރު ހަނާން އެންމެ ބޭނުންވީ އެތްލެޓިސްއިން ކުރިއަށްދާށެވެ. ނެޓްބޯޅަ ވައިޑީޕީގައި ބައިވެރިވާން ލިބުނު ފުރުސަތުގައިވެސް އޭނާ ކޮޅުފައިން ޖަހަން ބޭނުންނުވިއެވެ. އެކުވެރިންނާއި ޓީޗަރުންގެ އެދުމުގެ މަތިން ބައިވެރިވީއެވެ. އެންމެ ފަހުން އޭނާ އެންމެ ގަޔާވާ ކުޅިވަރަށް ނެޓްބޯޅަވިއެވެ. އެހެން ކުޅިވަރުތައް ދޫކޮށްލައި ސްކޫލް ދައުރުގައި ނެޓްބޯޅައަށް އޭނާގެ ލޯބި ޖެހިއްޖެއެވެ.

2009ގެ އިންޓަރ ސްކޫލް މުބާރާތް ހަނާން ޖަމާލުއްދީނާއެކު ކާމިޔާބުކުރިއެވެ. 2010ގެ އިންޓަރ ސްކޫލް އަމީނިއްޔާ ސްކޫލާއިއެކު ކާމިޔާބުކުރިއެވެ. 2009ން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް އިންޓަރ ސްކޫލުގައި ކުޅުނު ހުރިހާ މުބާރާތެއްގެ ގަދަ 7 ކުޅުންތެރިންގެ ތެރޭގައި ހަނާން ހިމެނުނެވެ. ސްކޫލް ނިންމާލުމަށްފަހު މިއަދާއި ހަމައަށް ކުޅުނު މުބާރާތްތަކުގެ ތެރެއިން 2 މުބާރާތް ފިޔަވައި ހުރިހާ މުބާރާތެއްގެ ގަދަ 7 ކުޅުންތެރިންގެ ތޭރޭގައި ހަނާން ހިމެނެއެވެ. އެހެންނަމަވެސް ކެރިއަރުގައި ހަނާން ފާހަގަކުރާ އެންމެ ބޮޑު ކާމިޔާބެއް މީގެ ތެރޭގައި ނުހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14934401710990.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ވައިސް ކެޕްޓަން ހަނާން ހުސައިން / ފޮޓޯ : ޕީއެސްއެމް

"ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ 2013ވަނަ އަހަރު ބްރުނާއީއަށް ދިޔަ ޖޫނިޔަރ ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަން ލިބުން. އެންމެ އުފާވި އެއްދުވަސް އެއީ ނެޓްބޯޅަ ހަޔާތުގައި"

2013 ވަނަ އަހަރު 21 އަހަރުން ދަށުގެ ގައުމީ ޓީމް ހަނާންގެ ކެޕްޓަންކަމުގެ ދަށުން އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރިއެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ހޮންގކޮންގގައި އޮތް އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައިވެސް ހަނާން ޓީމާއެކެ ބައިވެރިވިއެވެ. ސީނިއަރ ގައުމީ ޓީމުން ހަނާންއަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2016 ވަނަ އަހަރުގައެވެ. ތައިލެންޑުގައި އޮތް އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުން ފުރުސަތު ލިބުމަށްފަހު 2017 ވަނަ އަހަރު ހަނާން 3 ވަނަ ފަހަރަށް ޖޫނިއަރ ޓީމް އޭނާ ތަމްސީލްކުރާނެއެވެ.

ހަނާންގެ ކެރިއަރުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސީނިއަރ ގައުމީ ޓީމާއިއެކު މެޑައްޔެއް ހޯދުމެވެ. ގައުމީ ނެޓްބޯޅަ ޓީމް އެންމެ ފަހުން މެޑައްޔެއް ހޯދާފައިވަނީ 2012 ވަނަ އަހަރުއެވެ. އެ އަހަރު ސްރީލަންކާގެ ނިގޮމްބޯގައި އޮތް އޭޝިއަން ބީޗް ނެޓްބޯޅަ މުބާރާތުން ރާއްޖޭގެ ޓީމްވަނީ ރިހި މެޑަލް ހޯދާފައެވެ.

img:http://s1.psmnews.mv/images/660x400/14934404516702.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ވައިސް ކެޕްޓަން ހަނާން ހުސައިން / ފޮޓޯ : ޕީއެސްއެމް

"ނެޓްބޯޅައިން އެންމެ ފަހުން މެޑައްޔެއް ލިބުނީ 2012 ގައި. ގައުމީ ޓީމާއިއެކު މެޑައްޔެއް ހޯދުން އެއީ ކުރާ ވަރަށް ބޮޑު އުއްމީދެއް"

މީގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދުމަކީވެސް ހަނާންގެ ހުވަފެނެކެވެ. އަރަމުން އަންނަ ޒުވާން ކުދިން ނަމޫނާއަކަށް ބަލާނެފަދަ ކުޅުންތެރިއަކަށްވުމުގެ އަޒުމުގައި ހުރި ހަނާން ފާހަގަކުރާ ގޮތުގައި "ހަނާން ކަހަލަ މޮޅު ކުޅުންތެރިއަކަށް ވާން ބޭނުން" މި ގޮތަށް އަޑު އިވުމަކީ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އުމުރުން 20 އަހަރުގެ ހަނާން ގަބޫލުކުރާ ގޮތުގައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް އެބައޮތެވެ. ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމް މެދު ނުކެނޑި ކުރިއަށްދެއެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކޮންމެ އަހަރު ނެޓްބޯޅަ ޓީމް ވާދަކުރެއެވެ. އެސޯސިއޭޝަނުން ނެޓްބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތް ފާހަގަކުރަމުން ހަނާން ބުނީ ގިނަ މުބާރާތްތައް އެސޯސިއޭޝަނުން ބޭއްވުމުގެ އިތުރަށް ދިގު މުއްދަތަކަށް ޓީމްތަކަށް ޕްރެކްޓިސްކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މި ކުޅިވަރު ކުރިއަރަން ލިބޭނެ ހިތްވަރަކަށް ވެގެންދާނެކަމެއްކަމަށެވެ. ޝުކުރުގެ ލިސްޓު ކިތަންމެ ދިގުވިޔަސް ހަނާން ކޮންމެހެން ފާހަގަކުރަން ބޭނުންވާ ނަންތަކެއް އެބަހުއްޓެވެ.

img:http://s3.psmnews.mv/images/660x400/14934404745901.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ވައިސް ކެޕްޓަން ހަނާން ހުސައިން / ފޮޓޯ : ޕީއެސްއެމް

"މަންމަ ބައްޕަ އެންމެ ފުރަތަމަ، އޭގެ ފަހުން ދޮންތި، ކުޑަބެ، ތިއްތި، ދޮންބެ، ދޮންބެދައްތަ މެދުނުކެނޑި ހަނާނަށް ދޭ ސަޕޯޓް ފާހަގަކުރަން. އޭގެފަހުން ވައިޑީޕީން ފެށިގެން ހަނާން މިހާ ހިސާބަށް ގެނެސްދިން ކޯޗުން ސޫޒަން ކޯޗް، ނީޝާ ކޯޗް، ފަޒޫ ކޯޗް، ނޮޑީ ކޯޗް، ކިއްކި ކޯޗް، ދިލް ކޯޗް، ނާޒި ކޯޗް، ލޫނާ ކޯޗް އަދި ޝިއުޓޯ ކޯޗް ފާހަގަކޮށްލަން"

ކެރިއަރުގައި އެކި އެކި ގޮތްގޮތުން އެހީތެރިވި އެންމެންނާއި ނުލާ ހަނާން މިހާރު ހުރި ހިސާބަށް އާދެވޭނެކަމަށް އޭނާ ގަބޫލުނުކުރެއެވެ. އެކުގައި ކުޅޭ އެކުވެރިންވެސް ހަނާން ފާހަގަކުރެއެވެ. ޚާއްސަކޮށް 2015 ވަނަ އަހަރު ހޮންގކޮންގއަށް ދިޔަ ޖޫނިއަރ ގައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން އޭނާ ފާހަގަކުރެއެވެ. އެންމެ ގާތް ދެ އެކުވެރިން ކަމަށްވާ މިލްހާ އަދި ނަބީހު ދޭ ހިތްވަރު ހަނާން ފާހަގަކުރަނީ ހެޔޮހިތުންނެވެ.

ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން އެދެނީ ހަނާންގެ ކެރިއަރުގައި އިތުރު ކާމިޔާބީތައް ލިބުމެވެ.