ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ކުޅޭ ޓީމުތައް ޔަގީންވެއްޖެ


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުން އެލައިޑް އިންޝުއަރެންސްގެ ޓީމާއި މޯލްޑް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމް ޖާގަ ހޯދައިފިއެވެ.

އެލައިޑާއި އެމްއާރްޑީސީ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު 2 ވަނަ ބުރުގެ މެޗުތަށް ކާމިޔާބުކޮށްގެންނެވެ. ރޭ އެލައިޑާއި ޓީމް ފެނަކަ ބައްދަލުކުރި މެޗު އެލައިޑް ކާމިޔާކުރީ އެކެއް ސުމަކުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު އެލައިޑަށް ކާމިޔާބުކޮށްދިނީ އަހުމަދު މުބީން (މުއްކި)އެވެ.

މުބީން އަކީ ކްލަބް އީގަލްސްގެ މެދުތެރެއަށް ކުޅެމުންއަންނަ އެޓީމްގެވެސް މުހިއްމު ކުޅުންތެރިއެކެވެ. އަދި މިމެޗަށް ފުރުސަތު ދިނުމުގެ ގޮތުން އީގަލްސްގެ ކޯޗު އިހުސާން (ސާންތި) ވަނީ އީގަލްސް އެންމެ ފަހުން ކުޅުނު މެޗުގައި މުބީންއަށް ރެސްޓްދީ ޓީމުގައި އޭނާ ހިމަނަން އުޒުރުވެރިވެފައެވެ.

އިހުސާން ބުނީ ފުޓްސަލް ކުޅެމުން ފުރަތަމަ ޑިވިޝަންގައި ކުޅެން އުނދަގޫވާނެ ކަމަށާއި މުބީންއަކީ ޓީމުގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށެވެ. އެހެންނަމަވެސް އޮފީސް ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން އީގަލްސް ކުޅޭ މެޗުގައި އޭނާ ނުހިމަނާނެ ކަމުގުގައި އީގަލްސް އެންމެ ފަހުން ޓީސީ އާއި ބައްދަލުކުރި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ބުންޏެވެ.

އެލައިޑް އެޓީމް ކުޅުނު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު ޓީމް ފެނަކަ ދެވަނަ ބުރުން ޖާގަ ހޯދީ އެޓީމް ކުޅުނު ގްރޫޕްގެ އެއްވަނަ ހޯދައިގެނެވެ. ފެނަކަ ޓީމަކީ މިމުބާރާތުގެ ތާރީޚްގައިވެސް މުބާރާތައް ޚާއްސަކޮށްގެން ބިދޭސީ ކުޅުންތެރިއެއް ގެނެސް ޓީމުގައި ހިމަނައިގެން ކުޅުނު ފުރަތަމަ ޓީމްވެސްމެއެވެ.

ކްލަބް އެމް.އާރް.ޑީ.ސީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި މޯލްޑިވިއަން 3 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

މާލޭ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެމް.އާރް.ޑީ.ސީ ޓީމުން މިމެޗުގައި ޖެހި 3 ލަނޑުގެ ތެރެއިން ދެލަނޑު  އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ލިޔާޙުއެވެ. އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މުނީޒްއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުތައް ކާމިޔާބުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލް އާއި މިނިސްޓްރީ އޮފް ހައުސިންގ ވެސް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިއެވެ.

އެމް.އޭ.ސީ.އެލް ދެވަނަ ބުރުގެ މެޗު ކާމިޔާބުކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާ ބައްދަލުކޮށެވެ. މިމެޗު އެއާޕޯޓްސް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.

ހައުސިންގ މިނިސްޓްރީގެ ޓީމް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ކްލަބް އެމް.ޓީ.ސީ.ސީގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން ހުކުރު ދުވަހު ކުޅުނު ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމް.ޕީ.އެލް އާއި ސްޓެލްކޯ އަދި އެސް.ޓީ.އޯގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަނުން ބޭންކް އޮފް މޯލްޑިވްސްގެ ޓީމްވެސް ވަނީ ޖާގަހޯދާފައެވެ.