ކުޅިވަރު

ޒުވާން ނެޓްބޯޅަ ޓީމަށް މިނިސްޓަރ އިރުތިޝާމް ހިތްވަރު ދެއްވަފައިފި


އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ޓީމާ ބައްދަލުކުރައްވާ، ޓީމްގެ ކުޅުންތެރިންނަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ހިތްވަރު ދެއްވައިފިއެވެ.

މިފެށޭ މަހުގެ 6-13 އަށް ސައުތް ކޮރެޔާގެ ޖިއޮންޖޫގައި ފަށާ އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމާއި ޔޫތް މިނިސްޓާރ އިރުތިޝާމް އާދަމް ބައްދަލުކުރެއްވުން އޮތީ މިއަދު ޔޫތް މިނިސްޓްރީގައެވެ.

21 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވާހަކަދެއްކެވުމުގެ ކުރިން މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ޓީމްގެ ޖާރޒީތައް ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަވާލްކޮށްދެއްވާފައެވެ.

img:http://s4.psmnews.mv/images/660x400/14935512439936.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިއަކަށް ޔޫތް މިނިސްޓާރ ޖާރޒީ ހަވާލްކޮށްދެއްވަނީ

ކުޅުންތެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤްވާމީ ކޮންމެ މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ވާދަކުރިކަމުގައިވިޔަސް މިނިސްޓްރީން އެ ޓީމަކަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެކަމަށެވެ. މި މުބާރާތުގައި ހުރިހާ ކުޅުންތެރިންވެސް ވާދަކޮށް ރިވެތި އަޚްލާޤު ދައްކާ ރާއްޖެއަށް ފަޚުރުވެރި ނަމެއް ގެނެސްދެއްވުމަށް މިނިސްޓާރ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ގިނަ ކުޅިވަރުތައް ކުޅޭ ކުޅުންތެރިން ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، ގިނަ ކުޅިވަރުތައް އެންމެ އިންޑޯ ހޯލެއްގައި ކުޅެން ޖެހިފައިވުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނެސްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ގައުމު ތަމްސީލްކުރާ ކޮންމެ ޓީމެއްވެސް ކުޅުންތެރިއެއްވެސް މަސައްކަތްކުރަންވާނެ ގައުމަށް ރީތި ނަމެއް ހޯދައިދޭން. ނެޓްބޯޅަ ޓީމުންވެސް އެގޮތަށް މަސައްކަތްކުރައްވާނެކަން ޔަގީންކުރަން" މިނިސްޓާރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14935512109451.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި ޔޫތް މިނިސްޓަރ ވާހަކަދައްކަވަނީ

އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްގެ ޚަރަދުތަކުގެ ބޮޑުބައެއް ހަމަޖައްސާފައިވަނީ ޔޫތް މިނިސްޓްރީންނެވެ. މީގެ އިތުރުން މި ދަތުރުގައި ދިވެހި ޓީމަށް އެހީތެރިވާ އެހެނިހެން ފަރާތްތަކަށްވެސް މިނިސްޓާރ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީން ވަނީ ރާއްޖޭގެ ނެޓްބޯޅަ ކުރިއެރުވުމަށް މިނިސްޓްރީން ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފައިއެވެ. އަދި މީގެ އިތުރުން ގިނަ ދަތިތަކާއިއެކުވެސް ޓީމް މުބާރާތަށް ތައްޔާރުވެފައިވާކަން ފާހަގަކުރަމުން ޝާޒްލީން ވަނީ ބިޒީކޮށް އުޅުއްވަމުންވެސް ޓީމްގެ ކުޅުންތެރިންނާއި މިނިސްޓަރ ބައްދަލުކުއްވީތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއިއެކު އޭޝިޔާގެ ދިހަ ގައުމަކުން ވާދަކުރާނެއެވެ.