މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް އޮތް އެންމެ ފަސޭހަ މަގަކީ ޔޫރޮޕާ ލީގު ކާމިޔާބުކުރުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ޚޯސޭ މޮރީނިއޯ ބުނެފިއެވެ.
ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި މިރޭ ސެލްތަ ވިގޯ އާއި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މިހާރު އުނދަގޫވާނެ ކަމަށާއި، އެހެންނަމަވެސް ޔޫރަޕާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދޭނީ މިމުބާރާތަށް ކަމަށް މޮރީނިއޯ ބުންޏެވެ.
މީގެއިތުރުން މޮރީނިއޯ ވަނީ ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމުން އެކަމުގެ ގެއްލުން ޓީމަށް ލިބެމުންދާކަން ފާހަގަކޮށްފައެވެ. މޮރީނިއޯ ބުނީ ނިމިގެންދިޔަ އޭޕްރިލް މަހު ނުވަ މެޗު އެޓީމުން ކުޅެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވާކަމަށެވެ.
އަނެއްކޮޅުން މިރޭގެ ސެމީފައިނަލް މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސްޕެއިންގެ ސެލްތަ ވިގޯ ޓީމުގެ ކޯޗު އެޑުއަރްޑޮ ބެރިއްޒޮ ބުނީ އޭނާ އެންމެ ބޮޑަށް އުއްމީދު ކުރަނީ ޔުނައިޓެޑްގެ ތާރީޚު މިރޭވެސް ބަދަލުނުވުން ކަމަށެވެ. ބެރިއްޒޮ މިހެން ބުނީ ޔުނައިޓެޑް ސްޕެއިންގެ މިހާތަނަށް ކުޅުނު ބާވީސް މެޗުގެ ތެރެއިން ގިނަ މެޗުތަކުން ބަލިވެ އެންމެ ދެ މެޗު ކާމިޔާބުކުރެވިފައިވާތީ މިކަން ފާހަގަކުރަމުންނެވެ.
ބެރިއްޒޮ އިތުރަށް ބުނީ އޭނާގެ ޓީމު މިރޭގެ މެޗުގައި ނިކުންނާނީ ޓީމު އެހެން މެޗުތަކުގައިވެސް ކުޅޭގޮތަށް ކުރިން ޕްރެސްކޮށް އެޓޭކިންގ ފުޓްބޯޅައެއް ކުޅެ މެޗުން މޮޅުވާން ކަމަށެވެ.
ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި މިރޭ ސެލްތަވިގޯ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދަމު ބާރަގަޑި ފަހެއްގައެވެ.