ކުޅިވަރު

ފައިނަލްގައި އެމް.ޕީ.އެލް އާއި އެމް.އާރް.ޑީ.ސީ


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބީ.އެމް.އެލް ކަޓުވާލުމަށްފަހު، އެމް.ޕީ.އެލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދީ އެމް.އާރް.ޑީ.ސީ އެވެ.

ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއެވެ. އެމެޗު އެމް.ޕީ.އެލް ކާމިޔާބުކުރީ 4-3 ންނެވެ. މެޗުގައި އެމް.ޕީ.އެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އާއި ހުޒޭފަތް ރަޝީދު އަދި އަހުމަދު ވިޝާލެވެ. މިމެޗުގައި ޝިފާއު ވަނީ ދެ ލަނޑު ޖަހާފައެވެ.

ބީ.އެމް.އެލްއިން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ އެމް.ޕީ.އެލްއިން ހަތަރު ލަނޑު ޖެހި ފަހުންނެވެ. ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވާޑާއި މުހައްމަދު ނާޝިދެވެ. ނާޝިދު ވަނީ ދެ ލަނޑު ޖަހާފައެވެ. 

މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމް ހޯދީ އެމް.ޕީ.އެލްގެ އަލީ ޝިފާއުއެވެ.

މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) 6-0 ން ބަލިކޮށްގެންނެވެ.

މެޗުގައި އެމް.ރާ.ޑީ.ސީގެ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ދެކުޅުންތެރިން ކަމުގައިވާ އިސްމާއިލް އީސަ އާއި ހަސަން އަދުހަމް ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ހަ ލަނޑުގެ ތެރެއިން އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ހުރި މުހައްމަދު ލިޔާޙު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ނާފިއުއެވެ.

މިމެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އާރް.ޑީ.ސީގެ ގޯލްކީޕަރު ޒިއަޒަންއެވެ. މިއީ އެމް.އާރު.ޑީސީ ވިދިވިދިގެން ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ.

 މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެރެއެވެ.