ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް ޢާއްމު ހާލަތު ރަނގަޅުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިންތިޚާބު ކުރިއަށްދާއިރު ރާއްޖޭގެ ޢާއްމު ހާލަތު ރަނގަޅުކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކުގައި އިންތިޚާބުގެ ޤާނޫނާއި ޚިލާފް ކަންކަން ފާހަގަވެގެން ފުލުހުން އެކަންކަން ހުއްޓުވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ފުލުހުން ދަނީ ޓްރެފިކް ކަންކަން ބަލަހައްޓައި މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ދަނީ ބުރާސްފަތިދުވަހުން ފެށިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގަވަމުންނެވެ.