މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެގޮތުން ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އިރުވައި މޫސުން ނިމި ހުޅަނގު މޫސުން މިމަހުގެ މެދެއްހާ ހިސާބުގައި ފެށިގެންދާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މިއަދު ހަވީރު ފަހަކުން މިރޭ ދިހައެއް ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރުއްވާފައެވެ.
އެގޮތުން ކުރިއަށް ހުރި ގަޑިތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.
މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ވައިޓު އެލާޓާއި، ޔެލޯ އެލާޓާއި ރެޑް އެލާޓެވެ. ވައިޓު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ، ލެޔޯ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ. އަދި ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމެވެ.