ކުޅިވަރު

ގަަދަ 4 އަށް މަސައްކަތް ކުރާ ލިވަޕޫލް އެއްވަރުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެ، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ޔަގީން ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ރޭ ލިވަޕޫލާއި ސައުތްއެމްޓަން ބައްދަލުކުރި މެޗު ނިމުނީ ދެޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން ލިވަޕޫލް ޕްރިމިއަރ ލީގުގައި ޓީމެއް އަތުން ދެ މެޗުގައިވެސް ސުމެއް ސުމެއްގެ ނަތީޖާއަކުން އެއްވަރުވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލް ވަނީ ލީގުގައި ސައުތްއެމްޕްޓަން އާއި ބައްދަލުކުރި އަވޭ މެޗުގައިވެސް ސުމެއް ސުމަކުން އެއްވަރުވެފައެވެ.

ރޭގެ މެޗުގައި ލިވަޕޫލް ޓީމުން ތިރީސް ތިން ޝޮޓް ހަދާފައިވާއިރު, ސައުތްއެމްޓަން ޓީމުން ލިވަޕޫލްގެ ގޯލާ ސީދާކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މީގެއިތުރުން މިމެޗުގައި ލިވަޕޫލްގެ ޖޭމްސް މިލްނަރ އަތުން އަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕެނަލްޓީއެއް ބޭކާރުވިއެވެ. އަދި މިއާއެކު ސައުތްއެމްޕްޓަންގެ ގޯލްކީޕަރު ފްރޭސަރ ފޮސްޓަރ ވަނީ ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގައި ޕެނަލްޓީއެއް މަތަކޮށްފައެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް ވަނީ އަލުން ލީގުގެ ތިން ވަނައަށް ޖެހިލާފައެވެ.

 އެހެންނަމަވެސް ލިވަޕޫލްއަށް ބާކީ ލީގުގައި ދެ މެޗުއޮތް އިރު ލީގުގެ ހަތަރު ވަނާގައި ޕޮއިންޓެއް ފަހަތުން އޮތް މެންޗެސްޓަރ ސިޓީއަށް ލީގުގައި ބާކީ ތިން މެޗު އޮންނާނެއެވެ.