މިމަހު ރާއްޖޭގައި ބާއްވާ ސާބާ ޗެމްޕިއަންޝިޕްގައި ބައިވެރިވީ ފަސް ޤައުމުންކަމަށް މުބާރާތަށް އެކުލަވާލި އިންތިޒާމް ކޮމިޓީން ބުނެފިއެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިޔާ، ބަނގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާއެވެ. މި ޓީމްތައް މުބާރާތުގައި ވާދަކުރުމަށް ރާއްޖެ އަންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މިމަހުގެ 19-25 އަށް އޮންނަ މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އެކުލަވާލެއްވި ކޮމިޓީގެ ޗެއަރމަނަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު މެމްބަރު އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު ސަލްސާ އިބްރާހިމް އާމިރެވެ.
މީގެއިތުރުން މި ކޮމިޓީގައި ތިއްބަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގު (މަރޭ) އާއި ކުރީގެ ބާސްކެޓްބޯޅަ ފީބާ ރެފްރީ އަދި އެއެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީކަމާއި ނައިބުރައީސްކަންވެސް ކުރައްވާފައިވާ އަބްދުﷲ އާމިރު (އައްލޯ)އާއި، އަލީ ނަސީރު (ތުއްތޭ)އާއި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ ޑިރެކްޓަރ އަހުމަދު އިބްރާހިމް އަދި ކުރީގެ ފީފާ ރެފްރީ އަލީ ސަލީމެވެ. މީގެއިތުރުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންވެސް މިކޮމިޓީގައި ހިމެނެއެވެ.
ސާބާ ޗެމްޕިއަންޝިޕަށް އެކުލަވާލި އިންތިޒާމް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަރްޒޫގު ވިދާޅުވީ މުބާރާތަށް ބާކީ 10 ދުވަސް އޮއްވާ މިވަރުގެ ބޮޑު މުބާރާތެއް ހިންގުމުގެ ހުރިހާ ކަމަކާ ކޮމިޓީން ހަވާލުވީ މިއީ ކިހާބޮޑު ޗެލެންޖެއްކަން ދެނެ ހުރެކަމަށެވެ.