ޚަބަރު

ޕޮލްކޯއިން ފުލުހުންނަށް ދެއްވާ ތަކެތި ބަހަން ފަށައިފި


ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހަށް ޚާއްޞަ އިނާޔަތެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ނިންމެވުމާ ގުޅިގެން، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ބެހުމަށް ނިންމާފައިވާ ތަކެތި ބަހަން ފަށައިފިއެވެ. 

މިގޮތުން ބަހަނީ، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއާއި އެ ސޮސައިޓީ ޙިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބެހުމަށް ނިންމާފައިވާ 2.4 މިލިއަން ރުފިޔާގެ ތަކެއްޗެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި އިނާޔަތުގެ ދަށުން ތަކެތި ދޫކުރަމުން ގެންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ތަކެތި ބަހާފައިވެއެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނާއި ފުލުހުންގެ މަޤާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރާ ފަރާތްތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި މި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކުގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރުމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.