ވިޔަފާރި

ފަސް ރުފިޔާގެ އައު ނޫޓް ތަޢާރަފްކޮށްފި


ދިވެހި ފައިސާ ނޫޓް ސީރީޒް "ރަންދިހަ ފަހެއް"ގެ އެންމެ ފަހު ނޫޓު ފަސްރުފިޔާ ތަޢާރަފްކޮށްފިއެވެ. މިއަދު ހެނދުނު އިސްކަންދަރު ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނޫޓު ތަޢާރަފްކޮށްދެއްވީ އެޑިއުކެޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްއެވެ.

މިޙަފްލާ ޚާއްސަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހަށްކަމަށްވާތީ، އިސްކަންދަރު ސްކޫލުގެ ގިނަ ޢަދަދެއްގެ ދަރިވަރުން މިޙަފްލާގައި ބައިވެރިވެފައިވެއެވެ. މިޙަފްލާގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ދަރިވަރުންނާ މުޚާޠަބުކުރައްވައި ދިވެހި ފައިސާގެ ނޫޓާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ދިވެހި ފައިސާއަށް އެންމެ ފުރަތަމަ ބަދަލެއް ގެންނެވީ، އިސްކަންދަރު ސްކޫލުގެ ނަން އެބޭފުޅަކަށް ނިސްބަތްވާ އިސްކަންދަރު މަހާރަދުންކަން ފާހަގަކުރައްވައި، ދިވެހިފައިސާގެގޮތުގައި ބޮޑު ތަކުރުފާނު ޖެއްސެވި ދިގުލާރި ވަށް ލާރިއަށް ބަދަލުކުރެއްވީ އިސްކަންދަރު ރަސްގެފާނުކަން އަޒީމާ ފާހަގަކުރެއްވިއެވެ. އަދި އެމްއެންއޭއިން އަބަދުވެސް މަސައްކަތްކުރައްވަމުންދަނީ ދިވެހި ފައިސާ ނޫޓަކީ ރަށްކާތެރި ގެންގުޅެން ފަސޭހަ ޒަމާނީ ނުޓުތަކަކަށް ހެދުމަށް ކަމަށްވެސް ގަވަރުނަރު އަޒީމާ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14943870925050.jpg|އެޑިއުކެޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް، 5 ރުފިޔާގެ އައު ނޫޓު ތަޢާރަފްކޮށްދެއްވަނީ- ފޮޓޯ: ޕީއެސްއެމް

މިއަދު ނެރުނު ފަސްރުފިޔާ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ އެންމެ ފަހު ނޫޓެވެ. މި ސީރީޒްގައި ޖުމުލަ 7 ނުޓު ހިމެނެއެވެ. މި 7 ނޫޓަކީވެސް ކުރިން ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރުރަނގަޅު ޕޮލިމާ ނޫޓުތަކެކެވެ.

ރާއްޖެއަށް ކަރުދާސް ނޫޓު ތަޢާރަފް ކޮށްފައިވަނީ، 1947 ވަނަ އަހަރުގައެވެ. މިގޮތުން އޭރު ޗާޕް ކުރެވުނު ކަރުދާސް ނޫޓުގައި ހިމެނެނީ 50 ލާރި އާއި 1 ރުފިޔާ، 2 ރުފިޔާ، 5 ރުފިޔާ އަދި 10 ރުފިޔާ އާއި 20 ރުފިޔާއެވެ. މިނޫޓް ސީރީޒަށް 50 ރުފިޔާގެ ނޫޓާއި 100 ރުފިޔާގެ ނޫޓު 1951 ވަނަ އަހަރު އިތުރުކޮށް ތަޢާރަފް ކޮށްފައިވެއެވެ.

ދިވެހި ފައިސާގެ އާ ނުޓު ސީރީޒް އެމްއެމްއޭއިން ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުނު ރަންޔޫބީލް އާއި ގުޅުވައިގެންނެވެ.