ޚަބަރު

ވިއްސާރައިގެ ސަބަބުން ސިވިލް ކޯޓަށް ބޮޑެތި ގެއްލުންތަކެއް


މިއަދު ކުރި ވިއްސާރައިގެ ސަބަބުން ސިވިލް ކޯޓު ހުންނަ ޢިމާރާތަށް ބައެއް ގެއްލުންތައް ލިބުމުގެ ސަބަބުން އެ ކޯޓުގެ ބައެއް ސެކްޝަންތަކުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޝަރީޢަތްތައް މެދުކަނޑާލަންޖެހިފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ. ސިވިލް ކޯޓުން މިރޭ ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ މިއަދު ކުރި ވިއްސާރައިގައި އެ ކޯޓުގެ ބައެއް ސެކްޝަންތަކަށް ފެން ވަނުމުގެ ސަބަބުން އެ ޢިމާރާތަށް ބައެއް ގެއްލުންތައް ވެފައިވާ ކަމަށެވެ.

އިޢުލާނުގައި ވިދާޅުވެފައި ވަނީ ސިވިލް ކޯޓުގެ ފުރާޅުން ޝަރީޢަތްކުރާ މާލަމްތަކަށާއި ސެކްޝަންތަކަށް ފެން ފައިބައި އެތެރޭގެ ތަޅުންމަތީގައި ފެންބޮޑުވެ އެ ކޯޓުގެ ބައެއް ސިސްޓަމްތަކަށާއި ލިޔެކިއުންތަކަށާއި ބައެއް ތަކެއްޗަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކޯޓުގެ ޝަރީޢަތްކުރާ ބައެއް ސެކްޝަންތަކާއި އިދާރީ ބައެއް ސެކްޝަންތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށްވެސް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. އަދި ގެއްލުން ލިބުނު ސެކްޝަންތަކުގެ ޝަރީޢަތްތަކާއި އިދާރީ މަސައްކަތްތައް ހުއްޓުމަކަށް އައިސް މެދުކަނޑާލަންޖެހިފައިވާ ކަމަށްވެސް އެ ކޯޓުން ވިދާޅުވެއެވެ. އެކޯޓުން ވިދާޅުވީ ގެއްލުން ލިބުނު ސެކްޝަންތަކުގެ ޝަރީޢަތް ކުރިއަށް ގެންދެވޭނީ ލިބުނު ގެއްލުމުގެ ކަންކަން ރަނގަޅުކޮށްގެން ކަމަށެވެ.