ޚަބަރު

މޯލްޑިވްސް ނާރސިން ކައުންސިލްގެ ލޯގޯ އިފްތިތާޙް ކުރައްވައިފި


މޯލްޑިވްސް ނާރސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ލޯގޯ އިފްތިތާޙް ކުރައްވައިފިއެވެ. މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލްގައި އޮތް ރަސްމިއްޔާތެއްގައި މި ލޯގޯ އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހީމެވެ.

މޯލްޑިވްސް ނާރސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ލޯގޯ އިފްތިތާޙްކުރެއްވުމަށް އައިޖީއެމް ހޮސްޕިޓަލްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްޤީވަމުން އަންނަ ހަލުވި މިނަށްބަލައި، ނަރުހުންގެ ޤަވާޢިދުތަކާއި އުސޫލުތައްވެސް މިގޮތަށް ބައްޓަން ކުރަންޖެހޭކަމަށެވެ. 

އަދި ނަރުހުންގެ ޤަވާއިދުތަކާއި އުސޫލްތައް ލިޔުއްވާއިރު މުޖުތަމަޢުގެ ޙާލަތައް ބައްލަވައި އެގޮތަށް ޤަވާއިދުތައް ހެދުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ނާރސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސް އާސިޔާ އިބްރާހީމް ވިދާޅުވީ، ނަރުހުންގެ ޚިދުމަތް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެއްވުމަށް އެކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. 

ނާސިން ކައުންސިލަކީ 1999 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކައުންސިލެކެވެ. ނަމަވެސް 2015 ވަނަ އަހަރު މިކައުންސިލް ވަނީ ޤާނޫނެއްގެ ދަށުން ހިނގަންފަށާފައެވެ.

މޯލްޑިވްސް ނާރސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ޒިންމާތަކުގެތެރޭގައި، ނަރުހުންނާއި، މިޑްވައިފުންގެ މަސައްކަތުގެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި، ނަރުހުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ނަރުހުންގެ ތަޢުލީމީ ފާސް ޤަބޫލްކުރާނެ މިންގަނޑު ކަނޑައެޅުންވެސް އެކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.