މިއަހަރުގެ ފިޠުރު ޒަކާތް ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން ބަލައިގަންނަ ގޮތަށް ހަމަޖައްސަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެހެން އަހަރުތެކަކޭ އެއްގޮތަށް މިއަހަރުވެސް ފިތުރު ޒަކާތް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަތަރު ގޮތަކަށް މިފަހަރު ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އޭގެތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާރޑު މެދުވެރިކޮށާއި، އުރޫދީ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށާއި، އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކަފުލް އޮފީހުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 55 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 80 ރުފިޔާއެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށަކުން ހަނޑޫ ގަންނަން ލިބޭ އަގަކުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބް އިބްރާހީމް އަޙުމަދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއިންވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށާ، މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް ތިން ގޮތަކަށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ދިރާގު މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީހުންނާއި، ވިލިމާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އޮފީހުންވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ރަށްރަށުގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލް އިދާރާއަށެވެ. ރަމަޟާން މަހުގެ ސައްބީސް ވަނަ ދުވަހާ ހަމަޔަށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.