ކުޅިވަރު

ގްރީން ސްޓްރީޓަށް ފެންވަރެއް ނޯޅޭ - ޞޮބާ


ގްރީން ޓްރީޓަށް ސައިޒު އޮޅިގެން ނޫޅޭނެ ކަމަށާއި ގްރީން ސްޓްރީޓް އޮންނާނީ ހަމަ ބިމުގައި ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސޮބާހު ބުނެފިއެވެ.

އެސް.ޓީ.އޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓާއި ޓީސީ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސޮބާހު ބުނީ ޓީސީ އަކީ މިހާރު ރާއްޖޭގައި އޮތް  އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެޓީމަށް ދޭންޖެހޭ ފުރިހަމަ އިހުތިރާމް ދޭނެކަމަށެވެ.

ސޮބާހު ބުނީ ފުރަތަމަ ބުރު ނިންމާލިއިރު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް ލީގު ނިމޭއިރު ޓީމު އޮންނަން ޖެހޭނީ ވަކި ހިސާބެއްގައޭ ބުނަން ބޭނުން ނުވާކަމަށާއި، ޓީމާ ހަވާލުވީ ގްރީން ސްޓްރީޓަކީ ފުޓްބޯޅައިގެ ވަރުގަދަ ނަމަކަށް ހަދައި އެހެންޓީމުތަކާއި ފުޓްބޯޅަ ސަޕޯޓަރުންގެ އިޙްތިރާމް ލިބިފައިވާ ޓީމަކަށް ހެދުމަށް ކަމަށެވެ.

" ޓީސީއަށް ދޭންޖެހޭ އިހުތިރާމް ދޭނަން. ގްރީން ސްޓްރީޓާ ހަވާލުވީ ސަޕޯޓަރުންގެ އިހުތިރާމް ލިބިފައިވާ ކްލަބަކަށް ހަދަން " ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ހޯދައިދިން ކޯޗު ބުންޏެވެ.

ޓީސީ އާއި ބައްދަލުކުރާ މެޗަށް ޓީމު ނިކުންނާނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށްވެސް ސޮބާ ބުންޏެވެ.

ޓީ.ސީ ކޯޗު ރަށުގައި ނެތުމުން ޕްރެސް ކޮންފަރެންސްގައި ބައިވެރިއެއް ނުވެއެވެ. ފުރަތަމަ ބުރު ނިމުނުއިރު ގްރީން ސްޓްރީޓް އޮތީ 3 ވަނާގައެވެ. ޓީސީ އޮތީ 5 ވަނާގައެވެ.

ގްރީން ސްޓްރީޓާއި ޓީ.ސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.