މިމަހުގެ 17 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ އެސެސްމެންޓް ހަދާ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.
އައްޑުއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެދިނުމަށް އެސެންޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުން އެސެންޓަރުގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އަޙްމަދު ރަޝީދު ވިދާޅުވީ، ނަގޫރޯޅީގައި ގެއްލުން ލިބުނު 25 ގޭގެ ތެރެއިން ފުރާޅު އެއްލާލި 21 ގޭގެ ފުރާޅު ރޯދައިގެ ކުރިން މަރާމާތު ކުރައްވާފައިވާކަމަށެވެ. އަދި ޙާލުގައި ޖެހުނު ޢާއިލާތައް އެމީހުންގެ ގެދޮރުގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. މިކަންކަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެކުލަވާލެއްވި ޚާއްޞަ ވަފްދުގެ ބެއްލެވުމުގެ ދަށުންކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.
ރަޝީދު ވިދާޅުވީ، މިހާރު ނުނިމި ހުރި މަސައްކަތަކީ ސީލިންގ ހަލާކުވި 6 ގެއެއްގެ މަރާމާތުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ސީލިންގއަށް ލިބުނު ގެއްލުން ބަލާ، ދިރާސާކުރައްވާ މިހާރު ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރައްވާފައިވާކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ 25 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ލިބުނު ގެއްލުންތައް ގާތުން ބެއްލެވުމަށާއި ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސް ނެންގެވުމުގެ މަތިން އެކަމަށް ޚާއްސަ ޓާސްކް ފޯސް ކޮމެޓީއެއް ވަނީ އެކުލަވާލައްވާފައެވެ.
ނަގޫރޯޅީގައި ހިތަދޫ މެދު ދާއިރާގެ ގެތަކަށް ލިބުނު ގެއްލުންތައް ސަރުކާރުގެ ޚަރަދުގައި މަރާމާތު ކޮށްދެއްވާނެ ކަމަށް އިއުލާން ކުރައްވައި، ސަރުކާރުގެ ޚަރަދުގައި ގެތަކުގެ މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްއެންޑީއެފާއި، ފުލުހުންނާއި ހައުސިން މިނިސްޓްރީއާއި އެމްއާރުޑީސީއާއި، އެމްޕީއެލްއިން މިމަސައްކަތުގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.