ޚަބަރު

"އަހަރެމެންގެ ކަނޑުތައް އަހަރެމެންގެ ކުރިމަގު"


ދިވެހިރާއްޖޭގެ ނުވަދިހަ ނުވައެއް އިންސައްތައަކީ، ކަނޑުގެ ސަރަޙައްދުކަމުގައި ވީހިނދު، ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ދިވެހިރާއްޖެއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދުވަހެކެވެ. ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަކީ، ކަނޑުގެ ދިރުމާއި ކަނޑު އަޑީގެ ރީތިކަމަށް ބަރޯސާވާ ދެ ސިނާޢަތެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކަނޑުތަކުގެ ދިރުން ދެމެހެއްޓުމަށް ދޭ ސަމާލުކަން އިތުރުކޮށް، މިރޮނގުން ކުރާ އެކި މަސައްކަތްތަކަށް ބާރުއެޅުމެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޙިއްޞާކުރާ އެއް ދާއިރާކަމުގައިވާ މަސްވެރިކަމަކީ ކަނޑުރޯދިން ލިބޭ އާމްދަނީއަކަށްވެފައި، ދިވެހިން މަސްބާނާ ދިވެހިންގެ ކަނޑުތަކުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ޢަޒުމް ކަނޑައަޅާ، މި ކަނޑުތަކާއި ކަނޑުތަކުގެ ދިރުން ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، މިފަދަ ދަނޑިވަޅެއްގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގައި ކުރާ ތިމާވެއްޓާ ރަޙުމަތްތެރި ދޮށީގެ މަސްވެރިކަމަކީ، ދިވެހިން ފަޚުރުވެރިވާ ދިވެހިވަންތަ މަސައްކަތެކެވެ. އަދި، މިއީ ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހިން ދައްކާ ލާމަސީލު މިސާލެއްކަން މުޅި ދުނިޔެވެސް ޤަބޫލުކުރާކަމެކެވެ. ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ޤުދުރަތީ ވަޞީލަތަކީ ދުނިޔޭގެ ކަނޑުތަކަށެވެ.

ޚާއްޞަކޮށް ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންތައް ހިމެނެއެވެ. ޖައްވު ހޫނުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށްވެސް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ފަރުތަކަށް ކުރިމަތިވި ގާ ހުދުވުމުގެ މައްސަލަ ރާއްޖޭގެ ފަރުތަކަށްވެސް ކުރިމަތިވިއެވެ.

މީގެއިތުރުން ކަނޑުތަކުގެ ދިރުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ ކުނީގެ މައްސަލައަކީ، ރާއްޖޭގައިވެސް ބޮޑު މައްސަލައެކެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮޑު މައްސަލައަކަށް ވެފައިވާއިރު، ގޮނޑުދޮށްތަކަށް އަޅާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ސީދާގޮތުން ގެއްލުންވެއެވެ.

ޚާއްޞަކޮށް މޫދަށް އަޅާ ޕްލާސްޓިކް ފަދަ ބާވަތްތަކުގެ ސަބަބުން މުރަކަ ފަރުތަކާއި، ކަނޑުގެ އެހެނިހެން ދިރުންތަކަށް ކުރާ އަސަރަކީ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ނިމެންވާއިރަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އޯޝަން ކޮންފަރެންސްގައި، ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވަނީ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް އެއޯސިސްގެ ޗެއަރކަން ކުރާ ޤައުމުގެ ހައިސިއްޔަތުން ތަޤުރީރުކުރައްވާފައެވެ.

މިނިސްޓަރ ޝައިނީގެ ތަޤްރީރުގައި ވަނީ، ކަނޑުތަކަށް އަޅާ ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވުން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ކޮންފަރެންސްގައި މިނިސްޓަރ ޝައިނީ ވަނީ, ރާއްޖޭގެ ކަނޑުތަކުން ފެންނަ ޕްލާސްޓިކްގެ ޢަދަދު މަދުކުރުމަށް މަސައްކަތްތައް ކުރުމަށް ރާއްވަވާފައިވާކަން އިޢުލާން ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެންނަ ޕްލާސްޓިކް ރާއްޖޭގެ މަސް ދޯނިފަހަރުން ނަގަމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ރާއްޖެ މިސާލަކަށް ބަލައިގެން މިފަދަ ކަމެއް ފެށުމަށް ގޮވާލައްވާފައެވެ.

1992 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ނުރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވީ ނަމަވެސް، ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ އދ ގެ ޢާއްމު މަޖިލީހުން 2008 ވަނަ އަހަރުގެ ޑިސެމްބަރުމަހު މިދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަން ނިންމުމާއެކުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންދާއިރު ސަތޭކައަށްވުރެ ގިނަ ޤައުމުގައި މި ދުވަސް ފާހަގަކުރާނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ އަވަރ އޯޝަން،އަވަރ ފިއުޗަރ- އަހަރެމެންގެ ކަނޑުތައް އަހަރެމެންގެ ކުރިމަގެވެ.