ހޮޓްއެއަރ ބެލޫން ފެސްޓިވަލްގެ އެންޓަރޓައިންމަންޓް ޕާރޓްނަރަކަށް ހަބޭސް ހަމަޖައްސައި މި އިވެންޓްގެ ސެކިއުރިޓީގެ ކަންތައް ބެލެހެއްޓުމަށް އޭއެސްއޭޕީ ހަމަޖައްސައިފިއެވެ.
ޔުނިކްސް ސްޕޯޓިންގްއިން ބާއްވާ ހޮޓްއެއަރ ބެލޫން ފެސްޓިވަލްގެ އެންޓަރޓައިންމަންޓް ޕާރޓްނަރާއި ސެކިއުރިޓީގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިރޭ ގޯޓްފިޝް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ޔުނިކްސް ސްޕޯޓިންގގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ރޭޝަން ޝަރީފެވެ. ހަބޭސް ބޮޑުބެރު ގުރޫޕްގެ ފަރާތުން ސޮއިކުރީ މެނޭޖަރ މާރކެޓިންގ ޢަލީ މަމްދޫޙެވެ. އަދި އެބްސެލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން "އޭއެސްއޭޕީ"ގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޒްމީ ރަޝީދެވެ. img:http://s4.psmnews.mv/images/660x400/14975612555313.jpg|ހޮޓްއެއަރ ބެލޫން ފެސްޓިވަލްގެ ދެ ޕާރޓްނަރަކާއެކު ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ޔުނިކް ސްޕޯޓިންސްގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފް ވިދާޅުވީ، މިފަދަ ބޮޑު އިވެންޓެއް ކުރިއަށްގެންދާއިރު، މިއިވެންޓަށް ޒިޔާޔަތްކުރާ މީހުންގެ ސެކިއުރިޓީ ކަންތައް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި މި އިވެންޓުގެ އެންޓަރޓައިންމަންޓް ޕާރޓްނަރ ހަބޭސްއާއެކު މި އިވެންޓް ވަރަށް ފުރިހަމަވެގެންދާނެ ކަމަށް ރޭޝަން ވިދާޅުވިއެވެ.
ހަބޭސްގެ މެނޭޖަރ މާރކެޓިންގ ޢަލީ މަންދޫޙް ބުނީ މި އިވެންޓްގައި ހަބޭސްގެ ވަރަށް ތަފާތު ހުށައެޅުންތައް ފެނިގެންދާނެ ކަމަށެވެ. މިގޮތުން ހަބޭސް ބޮޑުބެރުގެ އިތުރުން ހަބޭސްގެ އެހެން ބޭންޑްތައް ކަމަށްވާ ގްރެވިޓީ ބައި ހަބޭސްއާއި ހަބޭސް ޕޮޕް ބޭންޑްގެ އިތުރުން ހަބޭސް ފިއުޝަންގެ ހުށައެޅުންތައްވެސް ފެނިގެންދާނެ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14975612411312.jpg|ހޮޓްއެއަރ ބެލޫން ފެސްޓިވަލްގެ ދެ ޕާރޓްނަރަކާއެކު ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު
މި ފެސްޓިވަލްގެ ސެކިއުރިޓީ ބަލަހައްޓަން ޙަވާލުވި އެބްސެލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން، "އޭއެސްއޭޕީ"ގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޒްމީ ރަޝީދު ވިދާޅުވީ، މިފަދަ ބޮޑު ފެސްޓިވަލެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ، އެކުންފުންޏާ ޙަވާލުކުރުމަކީ އެކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމަށް އެކުންފުނިން އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް އަޒްމީ ވިދާޅުވިއެވެ.
ޔުނިކްސް ސްޕޯޓިންގުން ބާއްވާ ހޮޓްއެއަރ ބެލޫން ފެސްޓިވަލަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލްގައި 4 ބެލޫނެއް ބޭނުންކުރާނެ ކަމަށް ޔުނިކްސް ސްޕޯޓިންގް އިން ބުނެއެވެ. މި ފެސްޓިވަލް ކުރިއަށްދާއިރު، ޕީއެސްއެމްގެ ޗެނަލްތަކުން މި އިވެންޓް ވަގުތުން ދައްކަމުންދާނެއެވެ.