ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ، ބަހްރައިން އަދި މިސްރުން ޤަތަރަށް ހުށަހަޅާފައިވާ 13 ނުކުތާގެ ލިސްޓަށް ރަސްމީ ޖަވާބެއް ދިނުމަށް އެ ގައުމުތަކުން ޤަތަރަށް ދިން މުހުލަތު އިތުރުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މި ހަތަރު ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުހުލަތު އިތުރުކޮށްފައިވަނީ 48 ގަޑިއިރަށް ކަމަށާއި އެމުހުލަތު އިތުރުކުރަން ނިންމީ، ކުވައިތުގެ އެދުމުގެ މަތިންކަމަށެވެ.
ޢަރަބި ބާރުތަކުން ޤަތަރަށް ހުށަހަޅާފައިވާ 13 ނުކުތާގެ ލިސްޓަށް ރަސްމީ ޖަވާބެއް ދިނުމަށް ޤަތަރަށް އެ ގައުމުތަކުން ފުރަތަމަ ދިނީ 10 ދުވަހުގެ މުހުލަތެކެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ލިސްޓަށް އިޖާބަ ނުދީފިނަމަ ލިސްޓު ބާތިލު ކުރެވޭނެކަމަށްވެސް އެގައުމުތަކުން ހާމަކުރިއެވެ.
ޤަތަރަށް އެންމެ ފުރަތަމަ ދިން މުހުލަތު އާދިއްތަ ދުވަހުން ވަނީ ހަމަވެފައެވެ. މިހަތަރު ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުހުލަތު އިތުރުކުރުމަށް ނިންމީ ކުވައިތުގެ ސަރުކާރުން އެކަމަށް އެދުމުން ކަމަށެވެ. ކުވައިތުގެ ސަރުކާރުން ވަނީ ޢަރަބި ބާރުތަކުން އެކުލަވާލި ލިސްޓަށް ޤަތަރު ސަރުކާރުން ދިން ރަސްމީ ޖަވާބު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މުހުލަތު އިތުރުކުރުމަށް އެދުނީ ޤަތަރުގެ ޖަވާބަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށްވެސް ކުވައިތު ސަރުކާރުން ހާމަކުރެއެވެ.
ގަލްފުގެ ޤައުމުތަކުން ނެރުނު ބަޔާނުގައި ވަނީ ޤަތަރުގެ ސަރުކާރުން ކުވައިތަށް ދިން ޖަވާބު ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. ގަލްފުގެ ޤައުމުތަކުން ޤަތަރަށް ޑިމާންޑްތައް ހުށަހަޅާފައިވަނީވެސް ކުވައިތު ސަރުކާރު މެދުވެރިކޮށެވެ.
ޤަތަރުގައި ހުންނަ ތުރުކީވިލާތުގެ އަސްކަރީ މަރުކަޒު ބަންދުކުރުމަށާއި، ޤަތަރުން އީރާނާ އެކު ބާއްވާ ގުޅުން ހަނިކުރުމުގެ އިތުރުން، ޤަތަރުގެ ސަރުކާރުން ހިންގާ އަލްޖަޒީރާ ނެޓްވޯކް ހުއްޓާލުމަށް ގޮވާލާ މި ލިސްޓަކީ ޤަތަރުގެ ސިޔާދަތަށް ހުރަސްއަޅާ ލިސްޓެއްކަމަށް ޤަތަރުގެ ސަރުކާރުން ބުނާނަމަވެސް މި ލިސްޓާ މެދު އެގައުމުގެ ސަރުކާރުން، ރަސްމީ ޖަވާބެއް ދީފައެއްނުވެއެވެ.
މިކަމާ ބެހޭގޮތުން ބަހްރައިންގެ ޚާރިޖީ ވަޒީރު ޝޭޚް ޚާލިދް ބިން ޢަހްމަދު ޚަލީފާ ވިދާޅުވީ، ޢަރަބި ގައުމުތަކުން ލިސްޓަށް ޤަތަރުން ޢަމަލުކުރަން ޖެހޭނެ ކަމަށާއި އެގައުމުން މީގެ ކުރިން އެއްބަސްވެފައިވާ ކަންކަމަށްވެސް ޢަމަލުކުރަން ޖެހޭނެ ކަމަށެވެ.
ޤަތަރުގެ މައްސަލައާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ، ބަހްރައިން އަދި މިސްރުގެ ޚާރިޖީ ވަޒީރުން މިހަފުތާގެ ބުދަ ދުވަހު މިސްރުގެ ޤާހިރާގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިސްރުގެ ޚާރިޖިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއީ ޖޫން މަހުގެ 5 ވަނަ ދުވަހު މި ގައުމުތަކުން ޤަތަރާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލި ފަހުން މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.