ޚަބަރު

ގާސިމް އުޅެނީ ބަޣާވާތެއް ގެންނަން- ޕީޕީއެމް


ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން އުޅޭކަމަށް ޕީޕީއެމުން ތުހުމަތުކޮށްފިއެވެ. 

ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ޕީޕީއެމްގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް ކޯލިޝަން އޮތީ ސާބިތުކަމާއި އެކު ރައީސް ޔާމީންގެ ފަހަތްފުޅުގައިކަމަށެވެ.

އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވީ މިމަހުގެ 24 ވަނަދުވަހު ނަގަން ތައްޔާރުވަމުންދާ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުން އެކަމާއި ކަންބޮޑު ނުވުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންގެ ސިޔާސީ އެޖެންޑާ ހުއްޓުވާލާ ގައުމު ހަލަބޮލިކޮށް ބަޣާވާތެއް ގެންނަންކަމަށެވެ. އަދި އެކަން ކާމިޔާބުވުމުގެ ފުރުސަތު ނުދެއްވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީޕީއެމުން މެމްބަރުން ވަކިވަނީ ފައިސާގެ ދަޅަ ދައްކައިގެންކަމަށެވެ. އަދި އެއީ އަމިއްލަ ވިޔަފާރިގެ މަސްލަހަތު އިސްކޮށް ޤާސިމް އިބްރާހިމްގެ ފައިސާ ހަރަދުކޮށްގެން ހިންގަމުން އަންނަ  ބޮޑު ޖަރީމާއެއްކަމަށްވެސް ފަލާހު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބުނީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ރައްޔިތުން މަޖިލީހަށް ދައުލަތުގެ ފަރާތުން ހުށައެޅި މައްސަލައަށް އެޕާޓީގެ ހުރިހާ މަޖިލިސް މެމްބަރުން ފުރިހަމަ އަށް ތާއީދުކުރާކަމަށެވެ.