ޚަބަރު

ޓެރަރިޒަމް ދައުވާގެ ލިޔުންތައް އިބްރާހިމް ދީދީއާ ހަވާލުކޮށްފި


ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން އޭނާ މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލައިގެ ލިއުންތައް ހަވާލުކޮށްފިއެވެ.

ދައުލަތުން އިބްރާހީމް ދިދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކުރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޤާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލާގައެވެ. އޭރު އިބްރާހިމް ދީދީ ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައެވެ.

މިއީ މި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ދައުވާކުރި ދެވަނަ ފަހަރުއެވެ. މީގެކުރިން މި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ދައުވާކޮށް ޝަރީއަތްތަށް ފެށުމަށްފަހު ވަކި ހިސާބަކުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ނަގާފައެވެ. އޭރު އެ މައްސަލައިގެ އަޑުއެހުންތައް އޮތީ ހެކިބަސް ނެގުމާއި ހަމައިގައެވެ.

ކުރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޤަވާއިދާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ކުށް ސާބިތުވެ ތޭރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭގެފާނު ދިހަ އަހަރަށް ޖަލަށްލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.